ރާއްޖޭގެ ހުރިހާ ރަށަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އިން ދެންމެ ނެރުނު ސަމާލުގައި ބުނެފައި ވަނީ، ރާއްޖޭގެ ހުރިހާ ރަށަކަށް އުދަ އަރާފާނެ ކަަމށެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 19:00 އަށެވެ.

މިހާރުވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އަދި ބައެއް ރަށްތަކުގައި ފެންބޮޑެ ގެއްލުން ވަމުން އެބަ ދެއެވެ.

މެޓް އޮފީހުން މިއަދު ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މެޓް އޮފީހުން ވިދާޅުވީ، އުތުރާއި މެދުރާއްޖެ ތެރެއަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް ބުނެފައި ވެއެވެ.

އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެ، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށްވެސް ލަފާކށްފައި ވެއެވެ.

މެޓް އޮފީހުން ވަނީ، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެދިފައެވެ.