ސިއްހީ ނިޒާމުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ ތަކެތި ހޯދަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ސިއްހީ ނިޒާމާއި މެދު ޑޮކްޓަރުންގެ ހުރި ކަންބޮޑުވުންތައް ވަނީ ބަންޑުން ކޮށްލާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ޑޮކްޓަރުން ވަނީ މުޅި ސިއްހީ ނިޒާމާއި މެދު ވަރަށް ބޮޑަށް މާޔޫސްވާ ކަންތައްތައް ހުރިކަން ވަނީ ފާހަގަކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ޑރ. ހަފީޒާ އަލީ ވަނީ ސިއްހީ ދާއިރާ ރަނގަޅަށް މަސައްކަތް ކުރަން ބޭނުންވާ މަޤާމުތައް ނެތުމުން އެކަމާއި ކަންބޮޑުވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ފަދަ މަޤާމުތައް ނެތި އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ މަޤާމުތައް ނެތުމުން ސިއްހީ ދާއިރާ ފަންކްޝަން ކުރަން ދަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ލީޑަރޝިޕްގެ ގިނަ މަޤާމުތައް ހުރީ ހުސްކޮށް، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މަޤާމު، މި މަޤާމަކީ އިންޓަރނޭޝަލް ފެންވަރުގައި މިިނިސްޓަރަކު ހުރި ނަމަވެސް ހުންނަ މަޤާމެއް. މި ސަރުކާރުގައި އެ މަޤާމު ނެތްތަނުގައި އެ ފަންގްޝަންވެސް ނުވެ. އެ މަޤާމުގައި ހުންނަން ޖެހެނީ ސްޕެޝަލައިޒްޑް ޑޮކްޓަރެއް." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތް މިިނިސްޓަރ ސަރުކާރުގެ އެގްޒެކިއުޓިވް ބޭފުޅުންގެ ބައްދަލުވުންތައް ނުބާއްވާ ކަމަށާ ސިޔާސީ މަޤާމުތަކާއި 2 މަހުން އެއް މަހު ވެސް ބައްދަލު ނުކުރައްވާ ކަަމަށް އޭނާ ވިދާޅުވިއެވެ. މަޝްވަރާ ނުކޮށް ކަންކަން ނިންމުމާއި ނުފޫޒު ބޭނުންކޮށްގެން ސިއްހީ ވަސީލަތްތައް ހޯދުން ފަދަ މައްސަލަަތައް ވެސް ދިމާވާކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޞިއްޙީ ދާއިރާގެ މަސައްކަތްތަކަކީ ވަރަށް ފަންނީ ހިދުމަތްތަކަކަށްވީ ހިނދު، އެ ދާއިރާގެ މަސައްކަތްތައް ރާވާ ހިންގުމުގައި މިހާރުވެސް އިސްކޮށް ހަރަކާތްތެރިވަމުން ގެންދަނީ ދާއިރާގެ ހާއްސަ ގިންތިތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުން ކަމަށެވެ. ސިއްހީ ދާއިރާގެ ފަންނީ ނިންމުންތަކަކީ ފަންނީ މީހުންގެ މައްޗަށް އެކުލަވާލެވޭ ކޮމިޓީތަކާއި އެކަމާ ގުޅޭ އެންމެހާ މައުލޫމާތަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އެ މަސައްކަތްތައް ކުރަނީ ސަރުކާރުން ނިންމަވާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ދާއިރާގެ އެކި ކަންކަމަށް
ސިޔާސީ ބޭފުޅުން މަސްއޫލުވެ ތިއްބަވައިގެން އެބޭފުޅުންގެ ބައިވެރިވުމާއެކު އެކިއެކި ފަރާތްތަކާއި އެކު ވިލަރެސްކޮށް ކަނޑައެޅިފައިވާ އިންތިޒާމްތަކެއްގެ ދަށުން، އެހެނިހެން ދާއިރާތަކުގެ ބައިވެރިވުމާއި އެކުގައި ކަމަށެވެ.

މީގެ އިތުރުން، ސިއްހީ ދާއިރާ އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ގާބިލްކަން އިތުރު ކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދުމަށް ސަރުކާރުގެ އިދާރާތަކާ އެހެނިހެން ފަރާތްތަކާއެކު ހުއްޓުމެއް ނެތި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މިނިސްޓްރީގެ އެގްޒެކްޓިވް ލެވެލްގެ ބޭފުޅުންގެ ބައްދަލުވުންތައް ގަވާއިދުން ކުރިއަށް ގެންދަވަނީ ރައީސުލްޖމްހޫރިއްޔާ މިނިސްޓްރީއަށް އައްޔަންކޮށްފައިވާ ބޭފުޅުންނާއި ސިވިލް ސާވިސް މުވައްޒަފުންނާއި އެކުގައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"އަދި މިނިސްޓްރީގެ ޑިވިޝަންތައް ހިންގުމުގެ އެންމެ އިސްރޯލެއް އަދާކުރަނީ ސިޔާސީ ބޭފުޅުންގެ ބެލުމުގެ ދަށުންނެވެ. ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކޮށް މެދުނުކެނޑި ހިދުމަތް ދިނުމަށް
ހޯދާތަކެތި ހޯދަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ބިޑިން ޕޮރޮސެސް ތެރެއިންނެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ސިއްހީ ދާއިރާއާއި އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ފާހަގަކޮށްފައިވާ އެއްވެސް ކަމަކާ ގުޅޭ ގޮތުން ކޮމިޓީއަށް މައުލޫމާތ ދެއްވުމުގެ ކުރިން މިނިސްޓްރީއާ އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށްވެސް ހެލްތު މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަވާލި އެޖެންޑާ-19

    އަނގަ އޮތީޔަ ކާޅެއްނުކާނެ އަނގަ މައިތިރިކޮށްގެން ތިބިޔާ މާތާ ހިރުވާނެ ބޭކާތު އަނގަނު ހާވާ އިސްތިއުފާދީފަ ގެއަށްދޭ މުޅި ސިއްޚީދާއިރާއެއްކޮށް ފެއިލް!

    12
  2. ކަސިމް

    ދެން އަ މިއްލަ ޖީބަށް ފައިސާ ވަންނަނީ ކޮންގޮތަކުން. ލިބޭ މުސާރައެއް ނޫން ދޯ