މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީ އިން ވިދާޅުވީ އެމްއެމްސީގެ މެންބަރުކަމަށް ފުރުސަތު ހުޅުވާލައިފައި ވަނީ އެ ކައުންސިލުގައި ތިބޭ 15 މެންބަރުންގެ ތެރެއިން ދެ މެންބަރަކު ފިޔަވައި ހުރިހާ މެންބަރުންގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހަށް ހަމަވާތީއެވެ.

ދައުރު ހަމަވާ މެންބަރުންގެ ތެރޭގައި ހިމެނެނީ މީޑިއާތައް ތަމްސީލް ކުރާ ހަތް މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ހަ މެންބަރުން ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

އާންމުމްގެ ތެރެއިން މި ކައުންސިލަށް އިންތިހާބުކުރާ މެންބަރުންނަކީ މީޑިއާ އާއި ގުޅުން ހުރި އެއްވެސް ކަމެއްގައި ބައިވެރިވުން ނެތް ބައެކެވެ.

ހޯމް މިނިސްޓްރީގެ ވެބްސައިޓުން މިހާރު ވަނީ އެ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާ ފޯމު ދޫކުރަން ފަށާފައެވެ. މި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ މިމަހުގެ 21 ވަނަ ދުވަހާއި ހަމަޔަށް ހުޅުވާލައިފައެވެ.

އެމްއެމްސީ އަދި ބްރޯޑްކޮމް އަކީވެސް މީޑިއާގެ ކަންކަން ރެގިއުލޭޓް ކުރާ ދެ މުއައްސަސާއެވެ.