ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލުގައި ޤާއިމްކޮށްފައިވާ އެގްޒެކެޓިވް ލޯންޖުތައް ކުއްޔަށް ނެގުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، "ލޯންޖް ސްޕޭސް" ކުއްޔަށް ނެގުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް، ރެޖިސްޓްރީ ވުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހުގެ 11:00 އާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

އެ އިއުލާނުގައި ވާގޮތުން ލޯންޖު ކުއްޔަށް ނެގުމަށް ހުށަހަޅާ ފަރާތްތަކުން ރެޖިސްޓްރީވުމަށް ހުށަހަޅަންވާނީ ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށްގެންނެވެ. މިގޮތުން ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، ފުރިހަމަ ނަމާއި އެޑްރެސް އާއި ގުޅޭނެ ފޯން ނަމްބަރެއްގެ އިތުރުން އީމެއިލް އެޑްރެސް ހިމަނަންވާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.

އާ ސީޕްލޭން ޓާމިނަލްގެ ލޯންޖުތަކަށް ކަނޑައަޅާފައިވާ ސަރަޙައްދު - ފޮޓޯ: އެމްއޭސީއެލް

ލޯންޖުތައް ކުއްޔަށް ނެގުމަށް ހުށަހަޅާ ފަރާތްތަކަކީ ސީޕްލޭން ނުވަތަ ޓުއާ ނުވަތަ ރިސޯޓް އޮޕަރޭޓްކުރާ ފަރާތަކަށްވާން ޖެހޭނެ ކަމަށާއި، އެފަރާތްތަކުން ބީލަން ހުށަހަޅާއިރު ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި ހުށަހަޅާ ކޮންމެ ލޯންޖް ސްޕޭސް އަކަށް ދިހަހާސް ޑޮލަރު ނުވަތަ އެއަދަދަށްވާ ދިވެހި ފައިސާ ބަހައްޓަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

އެމްއޭސީއެލް އިން ވަނީ ލޯންޖުތައް ކުއްޔަށް ނަގަން ޝަޢުޤުވެރިވާ ފަރާތްތަކަށް، އާ ސީޕްލޭން ޓާމިނަލްގެ ލޯންޖުތަކަށް ކަނޑައަޅާފައިވާ ސަރަޙައްދު ބަލާލުމުގެ ފުރުސަތުދިނުމަށް ބާއްވާ ޚާއްސަ ޓުއާއެއް މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެކަން ވެސް އިއުލާނުކޮށްފައެވެ.

އާ ސީޕްލޭން ޓާމިނަލްގެ ލޯންޖުތަކަށް ކަނޑައަޅާފައިވާ ސަރަޙައްދު - ފޮޓޯ: އެމްއޭސީއެލް

ލޯންޖުތައް ކުއްޔަށް ނެގުމަށް ބީލަން ހުށަހަޅާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 އާއި ހަމައަށެވެ. އޭގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައި ނުގަންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.

ެއެމްއޭސީއެލް އިން ބުނެފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވާނީ، އެކަމާއި ގުޅޭގޮތުން ހަދާ ދިރާސާތަކަށް ފަހު ކުންފުންޏަށް އެންމެ ފައިދާހުރި ބީލަން ހުށަހަޅާ ފަރާތްތައް ކަމަށެވ.

ކުރީގެ ޓާމިނަލްއަށްވުރެ ތިންގުނަ ބޮޑުކޮށް ތަރައްޤީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް އަކީ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ޚަރަދުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމި މި މަހުގެ ތެރޭގައި ޓާމިނަލް ބޭނުންކުރެވެން ފަށާނެކަން ސަރުކާރުން ކުރިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޏަވިޔަނި

    ސޯލިހުގެ ސަރުކާރުގެ ކުޅަދާނަ ތަރަގީ

  2. ޙަފްޞާ / މާލެ

    ތަރައްޤީގެ ބާނީ ރައީސް ޔާމީންގެ ދުރުވިސްނިވަޑައިގަންނަވާ ތަޞައްވުރު! ފަސްއަހަރެއްގެތެރޭގައި ރާއްޖެވަނީ ތަރައްޤީގައި ހިނދޫކަމާއެކު ކުރިލާ ހެދިގެންފަ! ދެން ރިބަންކަނޑަން އައިމީހުން އެކަންކުރަންވީ!

    15
  3. ރަބަރޭ

    މިހާރު މިހިގާ ވެރިކަމަށް 2 އަހަރު ފުރުމާއި ކުޑަތަންވެފާއިވާ ދަޑިވަޅެއްގާއިވެސް މިފެންނަނީ ކުރީސަރުކާރުގެ މަސައްކަތުން ނިމެމުންދާ ބޮޑެތި ޕްރޮޖެކްޓްތަކު ގެ ރިބަން ކެނޑުމުގެ އުފާ ހިތާއި ދެކޮޅަށްވެސް ހާސިލް ކުރަމުން ދާމަންޒަރު މިސަރުކާރުން މީގެދެދުވަސްކުރިން އިންޑިޔާގެ ހިލޭއެހީއޭ ކިޔާ ( މޮހޮނަށް ޢޮޑިދޭއުސޫލުން) ބޮޑު މާސިންގާ “ އުއްބަތި “ ޖެހުމުގެ މާޕްރޮޖެކްޓެއް ގެ ރިބަންކަނޑާލީ ކަދުރު ރުކަކުން ޖާދޫގެ ކާޕެޓެއްގާއި ފޭބެންނެވީ ބޭކަލެއް ހިބަރުވަދެއް ބޭނުން ކުރަށްވާއިގެން ސުދަރުޖީ ކުރިމަތީގާއި ބަހަށްޓަވާއި ގެން
    ބޮޑުވަރު

    11