ގދ. ހޯޑެއްދޫން ކޮވިޑް-19 އަށް ފައްސިވި 44 މީހުންގެ ތެރެެއިން 32 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޯޑެއްދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިއްޔެ އެކަނި ވެސް ހަތް މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު އެ ބަލީގައި އެ ރަށުން ފަރުވާދެނީ 12 މީހަކަށެވެ.

ހޯޑެއްދޫއަކީ އަތޮޅުތެރޭގެ ރަށަކުން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ރަށެވެ.

ހޯޑެއްދޫގައި ބޮޑު ކްލަސްޓައެއް އުފެދުނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެ ރަށުން ފައްސިވި ދެ މީހުންގެ ކޮންޓެކްޓުންގެ ތެރެއިންނެވެ. އެއާ އެކު، އެ ރަށުގެ ގިނަ ގެތަކެއް މޮނިޓަރިން ހާލަތަށް ގެނެސް، 100 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ކަރަންޓީންކޮށްފައެވެ.

އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި އެރަށުގެ ހަ އިންސައްތަ ގެއިން ކޮވިޑް-19 އަށް ފައްސި ވޭދަނަތައް ފެނުނު އިރު 19 އިންސައްތަ ގޭގައި ބަލިމީހާއާއި ކޮންޓެކްޓްވި މީހުން ތިއްބެވެ.

ހޯޑެއްދޫ ވޭދަނަތަކާ ގުޅިގެން އެ ރަށަށް އަރާ ފޭބުން މަނާކޮށްފައިވާއިރު، އެ އަތޮޅު ވެރިކަން ކުރާ ރަށްކަމުގައިވާ ތިނަދޫގައި ހުންނަ، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ހޯޑެއްދޫ އަދި މަޑަވެލި ސިއްހީ މަރުކަޒުން ދަނީ މި ދެ ރަށު ތެރޭގައި ހަރަކާތްތެރިވެ، ސުންކު ނަގަމުންނެވެ.

ހޯޑެއްދޫގައި ކޮވިޑް-19 ފެތުރުނު ނަމަވެސް އެރަށަކީ ރަށުތެރޭގައި ބަލިއޮތް ރަށެއްތޯ ނޫންތޯ ނިންމާނީ އެ ރަށުގެ ވޭދަނަ (ކޭސް) ސްޓަޑީތައް ނިމުމުންނެވެ.