މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކޮންމެ އަހަރަކު ބާއްވާ ނޫސްވެރިކަމުގެ އިނާމުގެ ހުށަހެޅުންތައް އިންސާފު ކުރުމަށް ޓަކައި ފަނޑިޔާރުންގެ ޕެނަލެއް ކަނޑައަޅައިފިއެވެ.

ފަނޑިޔާރުންގެ ޕެނަލްގައި ފަސް ބޭފުޅަކު ހިމެނޭ ކަމަށް މީޑިއަށް ކައުންސިލުން ވަނީ ބުނެފައެވެ.

އެ ފަސް ބޭފުޅުންގެ ތެރޭގައި ހިމެނެނީ، ޢަބްދުﷲ ނަޢީމް އިބްރާހިމް، މުހައްމަދު ނާޝިދު، ޢަލީ ނިޝާން، މުޙައްމަދު އަފްރާހު އަދި އަޝްވާ ފަހީމެވެ.

މީގެ ތެރެއިން ޢަބްދުﷲ ނަޢީމް އިބްރާހިމަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއަށް އެކި ގޮތްގޮތުން ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އާފަތިސް ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އެ ނޫސް ހިންގުމުގައި އޭނާ ގެންދަވަނީ އިސް ދައުރެއް އަދާކުރައްވަމުންނެވެ. ނޫސްވެރިކަމުގެ އިނާމުގެ ޖަޖުންގެ ޕެނަލްގައި އޭނާ މަސައްކަތް ކުރައްވާތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.

މުހައްމަދު ނާޝިދަކީ ސަރުކާރުގައި 25 އަހަރު ޚިދުމަތް ކުރައްވާފައިވާ ނާޝިދު ވަނީ ހާރިޖީ ދާއިރާގައި 18 އަހަރު ހޭދަކުރައްވައިފައެވެ. އަދި ޓީވީ މޯލްޑިވްސްގެ ނިއުސް ރޫމްގެ އިސްވެރިއެއްގެ ގޮތުގައި އަށް އަހަރު ދުވަސް ވަންދެން މަސައްކަތް ކުރެއްވިއެވެ. ނޫސްވެރިކަމުގެ އިނާމުގެ ޖަޖުންގެ ޕެނަލްގައި އޭނާ މަސައްކަތް ކުރައްވާތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.

ޢަލީ ނިޝާނަކީ ފޮޓޯގްރަފީގެ ދާއިރާގައި ރާއްޖޭގައި މަޝްހޫރު ނަމެކެވެ. އޭނާގެ ކެރިއަރު ފެށިފައި ވަނީ، ހަވީރު ނޫހުގައި ފޮޓޯ ޖާނަލިސްޓެއްގެ ވަޒީފާއިންނެވެ. ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި އޭނާ ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯދާފައިވެއެވެ. މިހާރުވެސް އޭނާ އަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދާއިރާއިން ފްރީލާންސްކޮށް މަސައްކަތް ކުރައްވާ ފަރާތެކެވެ. އަދި ފޮޓޯގްރަފީގެ ދާއިރާއިން މީހުން ތަމްރީން ކުރެއްވުމުގެ މަސައްކަތް ވެސް ކުރައްވައެވެ.

މުޙައްމަދު އަފްރާހު ވަނީ ޓީވީ މޯލްޑިވްސްގައި ސީނިއަރ އެޑިޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި ބްރޯޑްކާސްޓިންގ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯދާފައެވެ.

އަޝްވާ ފަހީމަކީ މެލޭޝިއާގެ ސެގީ ޔުނިވަރސިޓީއިން ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވާ ފަރާތެކެވެ. އަދި އިނގިރޭސިވިލާތުގެ ދި މޮންޓްފޯޑް ޔުނިވަރސިޓީއިން އޭނާ ވަނީ ފޮޓޯގްރަފީގެ ދާއިރާއިން މާސްޓަރޒް ހާސިލް ކުރައްވައިފައެވެ. އެއަށްފަހު، އޭނާ ވަނީ ވީޑިއޯ ޖާނަލިސްޓް އަދި ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި ރާއްޖެޓީވީގައި މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ރޮއިޓާޒް ފަދަ ބައިނަލްއަގުވާމީ ނިއުސް އެޖެންސީތަކަށް ފްރީންލާންސްކޮށް ފޮޓޯ ނަގައިދިނުމާއި ފްރީލާންސްކޮށް ވީޑިއޯ ޖާނަލިޒަމްގެ މަސައްކަތްތައް އޭނާ އަންނަނީ ކުރައްވަމުންނެވެ.

މީޑިއާ ކައުންސިލުން ބުނީ އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު އުންމީދީ ނޫސްވެރިޔާގެ ބަޔަށް ލިބިފައިވާ ހުށަހެޅުންތަކަށް ވެސް އިންސާފު ކުރައްވާނީ މި ފަނޑިޔާރުންގެ ޕެނަލުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާބިދާ

    ނުދެނަހުރިން މި ޤައުމުގާ ތި ކިޔާ ނޫސްވެރިން އުޅޭކަމެއް ނޫސްވެރިން ކިއުމުގެބަދަލުގާ ޕާޓީ ތަކުގެ އެކުޓިވިސްޓުން ކިއްޔާ މާރަގަލުވާނެ މިހާރު އެބައުޅޭތަ ޤާބިލް ނޫސްވެރިއެއް މުޅިއްވެސް ތާކުން ތާކު ނުޖރހޭ މީހުން