އިންޑިއާގެ ކޮޗިން އިން ރާއްޖޭގެ ހދ. ކުޅުދުއްފުށްޓާއި ކ. މާލެއާ ދެމެދު ކުރާ ގޮތަށް ފަށާފައިވާ ކާގޯ ފެރީގައި ހަތިޔާރާއި މަސްތުވާތަކެތި ގެންނަ ވާހަކަތައް ފެތުރެމުންދާ ކަމަށާއި އެ ތަކެތި މީޑިއާއަށް ދެއްކުމަށް ޕީޕީއެމް އާއި ޕީއެންސީ އިން ގޮވާލައިފިއެވެ.

މިއަދު ހެނދުނު ހދ. ކުޅުދުއްފުށި ކައިރީ އިންޑިއާގެ ކޮޗިން ފެރީ ބަނދަރު ކޮށްފައި ވަނިކޮށް، އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ޖަލްސާއެއް ބާއްވަން ރޭވީއެވެ. ކުރިން ވެސް ބެލެވުނު ގޮތަށް ކޯލިޝަންގެ ލީޑާޝިޕް އިން އެ ފެރީއަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވިއެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ރާއްޖޭގެ އެކްސްޕޯޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް އިންޑިއާއިން ރާއްޖެ ގެންނަނީ މަދު މުދާތަކެއް ކަމަށެވެ. އެހެންކަމުން އެ ފެރީން މާ ގިނަ މުދަލެއް ނާންނާނެ ކަން މާ ކުރިން ގަބޫލު ކުރެވުނު ކަމަށެވެ.

އެހެން ނަމަވެސް ބޭރު ގައުމަކުން ރާއްޖެއަށް އެ ގޮތަށް އަންނަ ކާގޯ ބޯޓެއްގައި ހުންނާނެ ތަކެތި އާންމުންނާ ހަމައަށް ތިލަވާން ޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންކަމުން ފެރީގެ އެތެރޭގައި ހުރި ތަކެތި މީޑިއާއަށް ދައްކާލަން އޭނާ ގޮވާލެއްވިއެވެ.

"ބާ ދަގަނޑު ބޯޓެއް ގެނެސް އެ ބޭއްވީ، އޭގެ އެތެރޭގައި އަނެއްކާ އޮތީ ކޯއްޗެއް ކަމެއް ނެނގޭ، ފޮރުވައިގެން ތިބެނީ، ކެރޭނަމަ ނިކަން ދިވެހި މީޑިއާއަށް މި ތަކެތި ދައްކާލަން ވީނު،" ޝުޖާއު ވިދާޅުވިއެވެ.

ކޯލިޝަންގެ އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ ފެރީގައި ހުރި ތަކެއްޗާ މެދު ސުވާލު އުފެދޭ ކަމަށެވެ. ފެރީގައި އިންޑިއާއިން ހަތިޔާރު ގެނަޔަސް ނޫނީ މަސްތުވާތަކެތި ގެނެޔަސް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ނޭނގެ އޭގެ ތެރެއަށް އަޅައިގެން އެ ގެންނަ އެއްޗެއް، އޭގައި ހުރީ އަނެއްކާ ހަތިޔާރުބާ، އޭގައި ހުރީ މަސްތުވާތަކެތި ތޯ ކަމެއް ވެސް ނޭނގެ، އަޅުގަނޑު ގޮވާލަން ނިކަން މީޑިއާއަށް އެ ދައްކާލަން،" އަދުރޭ ވިދާޅުވިއެވެ.

ވަރަށް ޖޯޝުގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން ވާހަކަ ދައްކަވަމުން ގެންދެވިއިރު ޖަލްސާގައި ވާހަކަ ދެއްކެވި ކޮންމެ މެންބަރަކު ވެސް ވަނީ އިންޑިއާ ސަރުކާރަށާއި، އިންޑިއާގެ އެ ކާގޯ ފެރީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އިންޑިއާގެ ކާގޯ ފެރީގައި މިއަދު 500 ޓަނުގެ މުދާ ގެނެސްފައިވެއެވެ. އެ ފެރީއަކީ 3000 ޓަނުގެ މުދާ އުފުލޭނެ ވަރުގެ ކެޕޭސިޓީއެއް އޮތް ފެރީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޫމާ

    ތީހަމަ މިހާރު މިގަ އުމުގަ މި އޮށް އެޖެންޑާ 19

    18
  2. ބަކުރު

    އެ ފެރީގައިވަނީ ވަގުފައިސާ އާއި މަސްތުވާތަކެއްޗާއި އޫރުމަހާއި ބަނގުރަލުގެވަށްތަރެއް ކަމަށްވާ ސޫލާސިރާޒާއި ހަނގުރާމަތަކުގައި ބޭނުންކުރާ ވައްތަރުތަކުގެ ތަފާތު ހަތިޔާރުތަށް ކަމަށް ތުންތުންމަތިން ދެކެވެން ފަށައިފި މިއީ ނުރަށްކަލުގެ ބޮޑު ސިސިގުނަލެއް.

    25
    7
  3. މެކުނު

    ހަތިޔާރާ ޑުރަގު އެންމެގިނައިން އެތެރެކުރާ ބަޔަކައް އެކަން.
    އެގޭނީ.

    17
    17
  4. ޒަލް

    ކޮޗިން ފެރީން އަހަރެމެން ގެންނާނީ މަގުހިމަ 12 ގަޑު ޓިނު އެގިއްޖޭ

    21
    15
  5. ސައީދު

    ޤައުމު ފަސާދަ ކުރަން ތިޔަ ވަގުންތައް މިނިވަން ކަންމަތީ ނުބައި ތިއްބާ އިންސާފުގެ ކުރިމައްޗަށް ނެގޮސްދެއްވާ ސަރުކާރުން

    7
    13
  6. Happy

    ޜަގަޅު ކަމެއްކުރާތީ ހިތައްކުއނުވީދޯ.. އަބަދު މިބައިގަނޑު އުޅެނީ ފަސާދަކުރުމުގަ..މިހާރު ތިބައިގަޑުގެ އަޑުއަހާނެބަޔަކު ނޫޅެނެ.. ކޮސްނުގޮވާ އަދުރޭ!!

    3
    7