ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފި އެވެ. ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު 07:00 ކުން މެންދުރު 12:00 އާއި ހަމައަށް ވަނީ މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައެވެ.

މެޓް އޮފީހުން ބުނީ ހުދު ސަމާލު ނެރުނު ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް އެ މޫސުމާ ބެހޭ އިދާރާ އިން ލަފާ ކުރެއެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާ އިރު މެދު ރާއްޖެތެރެ އާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރުމާއި އެކު ގުގުރާނެއެވެ. މީގެ ތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވެއެވެ. އުތުރުގެ މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެއެވެ.

ވައި ޖެހޭނެ ގޮތަށް ބަލާއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ގަޑިއަކު 8 މޭލާއި 18 މޭލު ދެމެދުގައި ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ އިރު، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ. މެޓް އޮފީހުން ވަނީ މި ދުވަސްވަރުގައި ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވެގެން ދަތުރު ކުރަން އިލްތިމާސްކޮށްފައެވެ.