ދެހާސްއެކާވީސްވަނަ އަހަރު އޮޑިޓް އޮފީހުގައި ހިނގާނެ ހަރަދުތަކަށް 80.7 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަނޑައަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ހަރަދުތައް ލަފާކޮށް އޮޑިޓް އޮފީހުން ހުށަހެޅީ 104.9 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. އެކަމަކު މާލިއްޔަތު ކޮމިޓީން ފާސްކުރީ އޮޑިޓް އޮފީހުން ހުށަހެޅި އަދަދަށް ވުރެ 23 މިލިއަން ރުފިޔާ އުނިކޮށްފައެވެ.

މާލިއްޔަތު ކޮމިޓީގެ އެ ރިޕޯޓް ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އެހެން ނަމަވެސް މިއީ މާލިއްޔަތު ކޮމިޓީން އޮޑިޓް އޮފީހަށް ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ. އެ އޮފީހުގެ މި އަހަރުގެ ބަޖެޓަކީ 47.9 މިލިއަން ރުފިޔާ ކަމުގައިވާއިރު، އަންނަ އަހަރަށް ފާަސްކޮށްފައިވަނީ އޭގެ 33.8 މިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.

ކޮމިޓީ ރިޕޯޓްގައިވާ ގޮތުން އެ އޮފީހުގެ ރިކަރެންޓް ހަރަދާއި އޮފީސް ހިންގުމިގެ ހަރަދުގެ ގޮތުގައި ވަނީ 56.7 މިލިއަން ރުފިޔާ ހިމަނާފައެވެ. އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި ކަނޑައަޅާފައިވަނީ 25 މިލިއަން ރުފިޔާއެވެ.

އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓްގައިވާ ގޮތުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ވަނީ 795،000 ރުފިޔާއެވެ. އެއީ މުޅި އަހަރަށް އޮޑިޓަ ޖެނެރަލްގެ މުސާރައަށް ހޭދަވާނެ ކަމަށް ބެޖެޓްގައިވާ މިންވަރެވެ. އެހެންކަމުން އެއީ މަހެއްގެ މައްޗަށް 61،250 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    މިހާ އާމްދަނީ ދަށުގައި އުޅޭ ދުވަސް ކޮޅަކު ތިހާބޮޑު ބަޖެޓް ދީގެން ދެކޮޅު ޖެހޭތޯ ތިޔައީވެސް ނުސީދާކޮށް ބަޔެއް މެމްބަރުންގެ ޖީބަށްދާ ފައިސާތޯ ؟