މިއަދު މެންދުރު އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ. ޑރ.މަޖީދުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން އޮންނާނީ މާދަމާ ރޭ އިޝާ ނަމާދަށް ފަހުއެވެ.

ސްރީލަންކާގައި އަވަހާރަވި ޑރ.މަޖީދުގެ ޖަނާޒާ އޮންނާނީ މާދަމާ މެންދުރު ނަމާދަށްފަހު ލަންކާގެ ޖާވައްތަ ޖުންމާ މިސްކިތުގައި ކަމަށެވެ. އަދި ހެނދުނު 10:00 އިން ފެށިގެން ޑރ،މަޖީދުގެ މޫނު ދެއްކުން އެ މިސްކިތުގައި ކުރިއަށްދާނެ އެވެ.

އުމުރުފުޅުން 55 އަހަރުގައި ޑރ.މަޖީދު އަވާހަރަވީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކް އަކަށްފަހު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ޑރ.މަޖީދަކީ ގުރުއާނާއި ބެހޭ އިލްމު ފެތުރުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ގުރުއާނާއި ބެހޭ މަރުކަޒުގެ ރައީސްކަން ވެސް ޑރ.މަޖީދު ކުރެއްވިއެވެ.

މީގެއިތުރުން ޑރ.މަޖީދަކީ ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލުކުރެއްވި ފުރަތަމަ ދިވެއްސެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިން އަހަރެއްހާ ދުވަހު އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ.މަޖީދު އަވަހާރަވިއިރު ހުންނެވީ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމުގައެވެ.