ޑރ މަޖީދުގެ ޚިދުމަތްތައް ދިވެހި ތާރީޚުން ދުވަހަކު ވެސް ފޮހެވިގެން ނުދާނެ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅާ، އަދި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކޮށް، ނެރުނު ބަޔާނުގައި އަދާލަތުން ބުނީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އަވަހާރަވުމަކީ، އިސްލާމީ އިލްމު ފަތުރައި އިސްލާމީ ޝަހުސިއްޔަތު ހަރުދަނާ ކުރުމުގައި ދިވެހި ގައުމަށް ކުރިމަތިވި ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.
"ޑރ. މަޖީދަކީ އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެއް ގައުމަށް ކޮށްދެއްވި ބޭފުޅެ, އިސްލާމް ދީން ކުރިއެރުވުމާއި ސިޔާސީ ގޮތުން ވެސް ގައުމަށް ބޭނުންތެރި މަސައްކަތްތަކެއް މަޖީދު ކުރެއްވި،" އަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.
ޑރ. މަޖީދު އަވަހާރަވުމަކީ ގައުމަށް ކުރިމަތިވި ނުހަނު ބޮޑު ހިތާމައެއް ކަން ފާހަގަކޮށް، ބަޔާނުގައި މަޖީދުގެ އާއިލާ އަށް އަދާލަތު ޕާޓީގެ ފަރާތުން ވަނީ ތައުޒިޔާ ރައްދުކޮށްފަ އެވެ.
އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ޑރ. މަޖީދު، ދީނީ ރޮނގުންނާއި އިޖުތިމާއީ އަދި ސިޔާސީ އެކިއެކި ދާއިރާތަކުން ގައުމަށް ކޮށްދެއްވި ޚިދުމަތްތައް ދިވެހި ތާރީޚުން ދުވަހަކު ވެސް ފޮހެވިގެން ނުދާނެ ކަމަށެވެ.
"އެ މަނިކުފާނުގެ ނަންފުޅާ ގުޅިގެން އިސްލާމީ ޝަހުސިއްޔަތާ ގުޅުން ހުރި އެތައް ކަމެއް ތަރައްގީވެގެން ގޮސްފައިވާއިރު އެ ޚިދުމަތްތަކުގެ ފުރިހަމަ އަޖްރު މާތްﷲގެ ހަޒުރަތުން މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަމެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.
"ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސްގެ މަގާމާއި ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމިކް އެފެއާޒް މިނިސްޓަރުގެ މަގާމާއި ރާއްޖޭގެ ފިގްހު އެކަޑަމީގެ ފުރަތަމަ ރައީސްގެ މަގާމު ފުރުއްވުމުގެ އިތުރުން، އިސްލާމިކް ބޭންކިން ދިވެހިރާއްޖެ އަށް ތައާރަފްކުރެއްވުން ފަދަ އެތައް މަސައްކަތްތަކެއް ވަނީ ކުރައްވައިފައި،" އެޕާޓީގެ ބަޔާނުގައި ވެއެވެ.
އުމުރުފުޅުން 55 އަހަރުގައި ޑރ. މަޖީދު އަވާހަރަވީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކް އަކަށްފަހު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.
މަޖީދުގެ ޚިދުމަތްތައް އޮތީ ރީނދޫ ޕާޓީއަކަށްނޫންބާ؟ އޭނާއަކީ ރީނދޫ ޕާޓީ ވެރިކަމަށް ގެންނަން ބުރަ މަސައްކަތްތަކެއް ކުރިމީހެއް. ރީނދޫ ޕާޓީއަށް ވެރިކަން ލިބުމަކީ މާތްވެގެންވާ އިސްލާމްދީނަށް ހުރި ބޮޑު ނުރައްކަލެއް. އަދި ގޮންޖެހުމެއް. މިކަން އެނގޭއިރުވެސް މަޖީދު ހުރީ އެ ބައިގައިގަނޑުތެރޭގަ ރީނދޫ ޓައީ އަޅުއްވައިގެން؟