މިދިޔަ މަހުގެ 23 ވަނަ ދުވަހު އައިޖީއެމްއެޗާއި ދިމާ މޫދުން ނިޔާވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ)ގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު މިއަދު ހެނދުނު އިންޑިއާ އަށް ގެންގޮސްފިއެވެ.

މޯޗަރީގައި ސިދުރަތުﷲގެ ހަށިގަނޑު އޮންނަތާ 11 ވަނަ އަށްވީ ދުވަހު އޭނާގެ ހަށިގަނޑު އިންޑިއާ އަށް މިގެންދިޔައީ އޭނާގެ ޕޯސްޓްމޯޓަމް ހެދުން ލަސްވަމުން ދާތީ އާއިލާ އިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އާއިލާ އިން ވަނީ ހަށިގަނޑު އަވަހަށް ވަޅުލައި ދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ. ނަމަވެސް ފުލުހުން ވިދާޅުވީ ސިދުރަތުﷲގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ފުލުހުންނަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށާއި ހަށިގަނޑު އާއިލާ އާއި ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށެވެ.

ސިދުރަތުﷲގެ ޕޯސްޓްމޯޓަމްއެއް ހަދަން ފުލުހުން ނިންމީ އޭނާ ނިޔާވި ސަބަބު ކަށަވަރު ކުރުމަށެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުއްޓެވެ.

ސިދުރަތުﷲ ރަސްފަނު މޫދަށް އެރުނު މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން މީގެ ކުރިން އާއްމު ކޮށްފައި ވެއެވެ. އަދި ސިދުރަތުﷲގެ ހަށިގަނޑު ފެނުނު ދުވަހުގެ ކުރީ ދުވަހު ހެނދުނު ރަސްފަންނަން ގޮސް އުޅުނު މީހުން ފުލުހުންނާއި މައުލޫމާތު ހިއްސާ ކުރުމަށް ވެސް ފުލުހުން އެދިފައިވެއެވެ.

ސިދުރަތުﷲގެ މަރާއި ގުޅިގެން އަދި އެއްވެސް މީހަކަށް އެއްވެސް ތުހުމަތެއް ފުލުހުން ކޮށްފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިކަމެތި މީހާ

    އެވީޑިއޯއަކުން ނުފެނޭ މޫދަށް އެރޭތަނެއް!

  2. ނިކަމެތި މީހާ

    ހާދަ ފިނޑި ބައެކޭ މިހާރު މިތިބެނީ ވަގުތު ނޫހުގަވެސް މީހަކު ތެދުބަހުން ކޮމެންޓެއް ކޮއްފިޔާ ޖަހާކަށް ނުކެރޭ! ވ. ސަލާމް.

    1
    3