ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތު ކުރާ މައްސަަލައިގައި ސަރުކާރުގެ ވިސްނުން ހުރި ގޮތް ސާފު ނުވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އަމަލު ކުރި ގޮތާއި ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް އޮފީހުން ހެދި އޮޑިޓް ރިޕޯޓުގައި ވެންޓިލޭޓަރުތައް ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށް ބުނެފައި ވާއިރު އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް ހެލްތު މިނިސްޓްރީގެ އިސް 10 ބޭފުޅެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދުނެވެ.

އެހެންނަމަވެސް އޭސީސީން ކުރި ތަހުގީގުގައި އެންމެ ބޮޑު މައްސަލައަކަށްވީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 75 ހަވާލު ކުރުމުގައި ހެލްތު މިނިސްޓްރީން އަމަލު ކުރި ގޮތެވެ. އެކަމަކު، އެ މައްސަލަ އޭސީސީން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)އޮފީހަށް ފޮނުވި އިރު، މައްސަލަ ކޯޓަށް ސާބިތު ކުރެވޭ ވަރުގެ ކަމެއް އޭސީސީން ފޮނުވާފައި ނުވާތީ އެ މައްސަަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ.

އެކަމަށް އިޝާރާތްކުރައްވާ އިންތި ވިދާޅުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އޮކްޓޯބަރު 21 ވަނަ ދުވަހު އިސްތިޢުފާ ދެއްވި ނަމަވެސް މި މައްސަލައިގައި ސަރުކާރުން ދެކޭ ގޮތް ސާފު ނުވާ ކަމަށެވެ.

އަދި އިސް މަޤާމުތަކުގައި ތިބޭ މީހުންނަކީ ޒިންމާ ނަގާނެ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

"މި މައްސަލައިގައި ސަރުކާރުން ދެކޭގޮތެއް އަޅުގަނޑަށް އެނގުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް. މިހާތަނަށް ސަރުކާރުން މި މައްސަލައިގައި ދެކޭ ގޮތެއް އަޅުގަނޑަކަށް ނުފެނޭ. ދެކޭނަމަ ދެކޭ ގޮތެއް ހާމަކުރައްވާފައިވަނީ ހެލްތް މިނިސްޓަރ. އެ މަނިކުފާނު އަމިއްލަ އަށް ގޭގައި ހުންނެވުމަށް ނިންމެވީ އަމިއްލަ އަށް. ސަރުކާރުގެ ނިންމެވުމެއް ނޫން. އެ ބޭފުޅާ އިސްތިޢުފާދެއްވަން ނިންމެވީވެސް އަމިއްލަފުޅަށް." އިންތި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އިތުބާރު ނެގުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި ކޮވިޑް-19 ފަދަ ހާލަތެއް ދިމާވުމުން އެކަމުގެ ފައިދާ ނަގައިގެން މިފަދަ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަކީ ކޮވިޑް-19 އާއި ގުޅިގެން އަވަހަށް ކަންކަން ކުރުމުން ނޫނީ މާލިއްޔަތު ގަވާއިދުގައި ހުރި މައްސަލައަކުން ދިމާވި ކަމެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުގެ ހުރިހާ އެކްޓަރސް އެއް ފެންނަން ހުރި މައްސަަލައެއް. ޒިންމާދާރު ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެ. މިއީ ވަރަށް ފަރުވާކުޑަކޮށް، ވަރަށް ދެރައޭ، ވަރަށް ބަދުނަސީބޭ މިހެން ބުނެފައި ނިންމާލެވޭކަށް ނެތް. މިހެން ބުނެފައި ނިންމާލެވޭކަށް ނެތް." އޭނާ ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކުގެ ހިޔާނާތާ ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އެމްޑީޕީގެ 24 މެންބަރަކު ސޮއިކުރެއްވުމަށް ފަހު މަޖިލީހަށް ވައްދާފައި ވާއިރު އަމީން އިސްތިއުފާދެއްވީ އޭގެ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޅުބެ

    ސަރުކާރުގެ ވިސްނުންސާފެއްނުވާނެ މަކަރާހީލަތުން ފުރިގެންވާސަރުކާރެއް މިސާލުނަންގަވާ ސުރީލަންކާގެ އެމްބަސީގަ ބާގީ ލުތުފީ ވަޒީރެއްގެ ފެންވަރުގައި ފޮރުވައިގެން ބެހެއްޓީ ރާއްޖޭގެ ކުންފުންޏަކުންތޯ ހަމަޔަގީނުންވެސް ސަރުކާރުން ކުރިކަމެއް މަކުވެރި ހީލަތްތެރި ސަރުކާރެއް ވިސްނަވާ....

  2. ބުއްޅަބެ

    ކަލޭ އެއްޗެއް ބޮއިގެން އޮތީމަވާނީ ތިހެން.