ކޮންމެ ރިސޯޓަކުން ދެ އިމާމުން ތަމްރީނު ކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

އެކަން ހާމަކޮށް ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އިމާމުން ތަމްރީނު ކުރުމަށް އެ މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދާނީ ގޫގުލްމީޓް މެދުވެރިކޮށް ކޮންމެ ދުވަހަކު ދޮޅު ގަޑިއިރަށެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހުގެ ކުރިން ކޮންމެ ރިސޯޓަކުން ވެސް ދެ ދިވެހި މުވައްޒަފުން މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިކުރަން ވަނީ ހުށަހަޅާފައެވެ.

މިއީ ފަސް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމަކީ ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކުގައި ވަގުތީގޮތުން ބަންގި ގޮވުމާއި ހުތުބާ ކިޔުމާއި އިމާމުވެ ހުކުރު ނަމާދާއި ފަރުޟު ފަސް ނަމާދު އަދި ޖަމާއަތުގައި ކުރާ ސުންނަތް ނަމާދުތައް ކުރުމަށް ގާބިލުކަން ހުރި ބަޔަކު އުފެއްދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.