ދިވެއްސެއްގެ އަޑުން މުޅިން އަލަށް ކީރިތި ގުރުއާން ރިކޯޑު ކުރުމުގެ މަސައްކަތް "ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް" އިން މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފެށުމަށް އެ ޖަމިއްޔާ އިން ވަނީ ރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ މަގާމް ހާސިލްކޮށްފައިވާ އަލް ހާފިޒް އަބްދުލް ރަޝީދު އާއެކު ރޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ދިވެއްސެއްގެ އަޑުން މުޅީ ގުރުއާން ރެކޯޑުކޮށް އާންމުންނާއި ހަމަޔަށް ދޫކޮށްލާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ

އެ ޖަމިއްޔާގެ މީޑިއާ ކޮޑިނޭޓަރު އަދި މިއުޒިކްގެ ދާއިރާއިންނާއި، ފިލްމީ މަސައްކަތްތަކުން ދިވެހިންގެ ތެރެއަށް ފަރިތަ ފަރާތެއް ކަމަށްވާ އަބްދުﷲ ޒޔާއު "ވަގުތު" އަށް ބުނީ ޑިސެމްބަރުގެ ނިޔަލަށް ގުރުއާން އެއްކޮށް ރެކޯޑުކޮށް ނިންމާލުމަކީ ޓާގެޓު ކަމަށެވެ.

ނަމަވެސް މިއީ އަޑު އެއް ގޮތެއްގައި ހުރެގެން ނޫނީ ނުުކުރެވޭނެ މަސައްކަތެއް ކަމުން އަޑަށް އެއްވެސް މައްސަލައެއް ދިމާވެއްޖެ ކަމުގައިވާ ނަމަ ލަސްވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ބުންޏެވެ.

މިފަދަ މަސައްކަތެއް ކުރުމުގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި ޒިޔާއު ފާހަގަކުރީ މިހާރު އާންމުކޮށް ދިވެހިންގެ ތެރޭގައި ބޭނުންކުރަމުން އަންނަނީ ބޭރުގެ ގާރީން ކިޔަވާފައި ހުންނަ ރެކޯޑިން ތަކަށް ވެފައި، އެ ރެކޯޑިންތަކުގައި ބައެއް ފަހަރު ކިޔާ އެއްޗެއް ސާފު ނުވާ ފަހަރުތައް އަންނަތީ ކަމަށެވެ. އެހެން ކަމުން އެއީ ހާއްސަކޮށް ލޯފަން ކުދިންނަށް އޮތް ވަރަށް ބޮޑު ދައްޗެއް ކަމަށް އޭނާ ބުންޏެވެ.

"ރާއްޖޭގެ މި ބްލައިންޑް ކޮމިއުނިޓީ ނުވަތަ މި އަޑު އަހައިގެން ކިޔަވާ ކުދިިންނަށް ވަރަށް ބޮޑަށް އެބަ އުނދަގޫވޭ އެކިއެކި އަކުރުތައް ސާފުވުމާއި ދެން ތަޖުވީދުގެ ކަންކަމުގަ ވަރަށް ބޮޑަށް އެބަ އުނދަގޫވޭ ސާފު ނޫން ކިޔެވުންތައް ހުރީމަ" ޒިޔާއު ވިދާޅުވިއެވެ.

އަނެއް ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއަކީ ލޯފަން ކުދިންނަށް ހާއްސަ ޖަމިއްޔާ އަކަށްވެފައި، އެ ކުދިންގެ ތެރޭގައި މިފަދަ މަސައްކަތަކަށް އެންމެ އެކަށޭނެ ކުދިން ތިބުމުން އެކުދިންނަށް ފުރުސަތު ދިނުން ކަމަށް ޒިޔާއު ވިދާޅުވިއެވެ.

ރެކޯޑިން އަށް އަޑުއެޅުމަށް ހަމަޖެހިފައިވާ އަބްދުލް ރަޝީދު އަކީވެސް ލޯފަން ހާފިޒެކެވެ. މި ޖަމިއްޔާގައި ޖުމްލަ 123 މެންބަރުން ތިބެއެވެ. އޭގެ ތެރޭގައި، ގުރުުއާން ހިިތުުދަސް ހާފިޒުންނާއި، ގާރީ ކޯސް ހަދަމުން އަންނަ ފަރާތްތަކާއި، އިސްލާމް ދީނާއި ގުޅުންހުރި އެކި ދާއިރާތަކުން ތައުލީމް ހާސިލްކުރަމުން އަންނަ ފަރާތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފައްލަންބޭ

  މީގެ ކުރިން ދިވެހިންނެއް ނޫންތޯ ތަރުޖަމާ ދިވެހިބަހުން ގެނެސް ދީފައިވަނީ؟ "އަލަށް ދިވެއްސެއްގެ އަޑުން މުޅި ގުރުއާން ރިކޯޑު ކުރަނީ" މިހެން ސުރުޙީގައި ޖަހާފައި އޮތީމަ، މުޅި މަހުފޫމް އޮޅިފައި! ހިޔެއް ނުވޭ މިކޮމެންޓް ޖަހާދޭނެހެން.

  10
  16
 2. ހުސޭނުބޭ

  ވަރަށް އުފާވެއްޖެ! ޤާރީ ޢަބްދުއްރަޝީދަށް ރަޙްމަތްލައްވާށި!

  40
 3. ފަރީ

  ޑރ. ޝަހީމްގެ އަޑުން މުޅި ގުރުއާން ރެކޯޑް ނުކުރޭތަ؟