މާލޭ ވިޔަފާރި ބަނދަރުގައި ރޭ، ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ނުރައްކާތެރި ޙާދިސާގައި ދެ މަޖޫރިއަކަށް ވަނީ އެކިވަރުގެ އަނިޔާތަކެއް ލިބުނު ކަމަށާއި ނަމަވެސް ދެމީހުންގެ ތެރެއިން އެއްވެސް މީހަކަށް ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބިފައި ނެތް ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލް އިން ބުނީ މި ޙާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގަ އެވެ. މި ޙާދިސާގައި، ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ މަޖޫރިއެއް ވަނީ ޕެލެޓްގެ އަރިމަތީގައި ތާށިވި ކަމަށާއި އަދި ދެވަނަ މަޖޫރިއަކަށް ވެސް މި ޙާދިސާގައި އަނިޔާވެ، އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނި ކަމަށް އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

"އެންމެ ފަހުން ލިބިފައިވާ މަޢުލޫމާތުތަކުން އެނގިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވި ދެ މީހުންގެ ހާލު ވެސް "ސްޓޭބަލް" އެވެ. އަދި ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް މި ދެ ފަރާތަށް ވެސް ލިބިފައެއް ނުވެ އެވެ. މި ޙާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލު މި ކުންފުނިން ވަރަށް ގާތުން ބަލަމުންދާ ވާހަކަ ދެންނެވީމެވެ." އެމްޕީއެލްގެ ބަޔާނުގައި ވިދާޅުވިއެވެ.

މި ހާދިސާ ތަހުގީގްކޮށް، މި ފަދަ ކަމެއް ތަކުރާރުވެނުދިއުމަށް، މި ކުންފުނިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމްޕީއެލް އިން ބޮޑު އަހައްމިއްޔަތެއް ދޭކަމަށާއި ނަމަވެސް މަދުން ނަމަވެސް، މި ފަދަ ހާދިސާތައް މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހިނގުމަކީ އެމްޕީއެލް އިން ހިތާމަކުރާ ކަމެއް ކަމަށް އެކުންފުނިން ބުންޏެވެ.