ހަލުވިކަމާއި އެކު ފެތުރެމުުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއި އެއްގޮތަށް، ވޯޓުލަން ހޭދަވާ ވަގުތު އަންދާޒާ ކުރުމަށް "ޑަމީ ވޯޓުލުމެއް" ކުރިޔަށް ދާ ކަމުގައި އިލެކްޝަން ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް "ވަގުތު" އަށް ވިދާޅުވީ ބާ ޖަމާލުއްދީންގައި ހުންނަ އެކޮމިޝަންގެ ޓްރެއިނިން ހޯލުގައި ޑަމީ ވޯޓު ލުމެއް ކުރިޔަށް ގެންދާ ކަމަށެވެ. އަދި އެއީ ސިޔާސީ ޕާޓީތަކާ ގުޅިގެން ކުރާ ކަމެއް ކަމަށާއި، ވޯޓުލާފައިވަނީ އެ ޕާޓީތަކުން ފޮނުވި މީހުން ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު އަށެއް ޖެހިއިރު ފެށިގެން ކުރިޔަށް ދާ މި ވޯޓުލުން ނިމޭނީ އިރުއޮއްސި ހައެއް ޖަހާއިރަށެެެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ވޯޓުލުން ބާއްވަން ހޭދަވާނެ ވަގުތު އެނގޭނީ މިއަދު ކުރިއަށްގެންދާ ވޯޓުލުން ނިންމުމުން ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އީސީއިން މިހާރު ނިންމާފައިވަނީ އަންނަ އޭޕްރީލް 10 ވާ ހޮނިހިރު ދުވަހުއެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި އިންތިހާބު ފަސްކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އޭރު މުޅި ރާއްޖެ ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުންނެވެ.

އިންތިހާބު ފަސްކޮށްފައި ވަނީ ސަންސެޓް ގާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ގާނޫނެއް ފާސްކޮށްގެންނެވެ. އެ ގާނޫނުގައި ބުނެފައިވަނީ ގާނޫނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.

ވަގުތީ ގާނޫނަށް އިސްލާހުތަކެއް ގެނެެއުމަށްފަހު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާއިރު، ޗްޕީއޭއިން ނެރޭ ގައިޑްލައިނާ އެއްގޮތަށް އިްނތިހާބުގެ ހުރިހާ ކަމެއްވެސް ކުރިޔަށް ގެންދިއުމަށް އިންތިހާބުގެ ހާއްސަ ގާނޫނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޅުބެ

    އޮގަދަ އަވަހަށް ޑަސްބިނަށާއި ފާހާނާތަށްޓަށާއި އުވައޮޑިޔަށް ވޯޓުލާފަބުނޭ މަމެންކުރީޔޯ.... ލޮލް.

  2. ކެޔޮޅު

    އަނެއްކާ ޑަމިއެއް ހަދާފަ ވެރިކަން ވަށްޓާނުލަށްޗޭ.