އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއަށް އެމަނިކުފާނު މިއަދު އިންކާރު ކުރައްވާފައިވާއިރު، ޝަރީއަތުގައި ހެކި ނެގުމުގެ މަރުހާލާ ފަށާ އަޑުއެހުން އަންނަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ބާއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލާފައިވަނީ، ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ.

މިއަދު ކުރިއަށް ދިޔަ ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ދައުވާއަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އެ ދައުވާތަކަށް ރައީސް ޔާމީން އިންކާރު ކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާއަކީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގެ ނަމުގައި އެމަނިކުފާނަށް އަމާޒުކޮށް ކުރާ ދައުވާއެއް ކަމަށާއި އެ ދައުވާގައިވަނީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް މި ޚިޔާނާތުގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވާ ކަމަށާއި އިތުރު ދައުވާތަކުގައި އާ އެއްވެސް ތުހުމަތެއް ނެތް ކަމަށް ޖަމީލް ވިދާޅުވެއެވެ.

މި ދެ ދައުވާއަށް ރައީސް ޔާމީން އިންކާރު ކުރެއްވުމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދައުވާ ރައްދުވާ ފަރާތުން ދައުވާއަށް އިންކާރު ކޮށްފައިވާތީ ދެން އޮންނަ އަޑުއެހުމެއްގައި ހެކި ނަގައި އާންމުކުރުން އޮންނާނެ ކަމަށެވެ. އެންމެ ފުރަތަމަ ގާޒީ ވަނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ތާރީޚު އެ ކަމަށް ދެއްވާފައެވެ.

އެ ތާރީޚާ މެދު ދައުލަތުގެ އެއްވެސް އިއުތިރާޒެއް ނެތެވެ. އެކަމަކު ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެންފައެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ވަރަށް އަވަހަށް ބާއްވާނެ ކަމަށް މައުލޫމާތު ލިބޭއިރު، ދެ މައްސަލަ ކައިރި ކައިރީ ހިނގާތީ ވަގުތު ބޭނުންވާތީއެވެ.

މި ކަންކަމަށް ރިއާޔަތް ކުރެއްވުމަށް ފަހު ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެ އަޑުއެހުން ބާއްވާނެ ކަމަށެވެ. އެއަށް ވުރެ އިތުރަށް ފުރުސަތު ދެވެން ނެތް ކަމަށެވެ. މި ކަން އިއުލާން ކުރެއްވުމަށް ފަހު މިއަދުގެ އަޑުއެހުން ގާޒީ ނިންމާވައިލެއްވިއެވެ.

މީގެ ކުރިން މި ދައުވާތަކުގެ ޝަރީއަތުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ރައީސް ޔާމީންގެ އާމްދަނީއާ ނުބައްދަލު ފައިސާއާއި މުދަލެއް ވާނަމަ. އެ ފައިސާއާއި މުލައެއް ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ. އަދި ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީން ނެންގެވި ކަމަށް ދައުލަތުން ބުނާ 1.1 މިލިއަން ޑޮލަރު ވެސް ނެގުމުގެ އަމުރެއް ނެރެދިނުމަށް ވެސް ދައުލަތުން އެދުނެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމަށް ހައި ކޯޓުން ވެސް މިހާރު ވަނީ ތާއީދުކޮށްފައެވެ. އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅުއްވައިފައެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް 28 ނޮވެމްބަރު 2019 ގައި އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ "ނުހައްގު" ހުކުމެއް ކަމާއި އެމަނިިކުފާނުގެ މައްޗަށް ހިންގަމުން ދަނީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީއާއި އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރެއެވެ. އެމަނިކުފާނު މިނިވަން ކުރަން ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން މިހާރު ގެންދަނީ އިހްތިޖާޖްކޮށް މަގުމަތީގައި މުޒާހަރާގެ ހަރަކާތްތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކަޅު ފޮށި

  ނުޚައްޤުންޖަލުގައި ރައީސްޔާ މީން މިހާރުން މިހާރަށް ދުކޮށްލާ މެރިދެލޯދާއިރު ވެރިން އަނިޔާގެދަން މަރު ރޯކުރާ ވަގުތަކެއް މިކަހަލަ ދުށީ މުތަ ރައްޔިތުންއިދަޖައްސުވާ!؟؟؟

  27
 2. ޙާލަތު

  ކޮބާ ހެކި މެޝިން އަދީބާއި ޒިޔަތު.

  22
 3. ޢަހުމަދު އަލީ

  މިފަހަރު ހެކި ދޭނީ ޔާމީނުގެ ބޯއި ކުރިކުރިޒާ ބާ؟

  5
  2
 4. ނާސިރު ބުނިބަސް އެހިންތަ؟

  އަދީބުއާ ޒިޔަތު ހެކި ދެއްކީމަ އެއޮތީ ޖަލުހުކުމަކައް ބަދަލު ވެފަ. މިއޮތީ ސަރުކާރެ