އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހަ މީހެއްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރާ ދައުވާއަކީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ ހަ މީހުންނަކީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްއެވެ.

ކްރިމިނަލް ކޯޓުގެ މާދަމާގެ ތާވަލުގައިވާ ގޮތުން މި ޝަރީއަތުގެ އަޑުއެހުން މާދަމާ އޮންނާނީ ހެނދުނު 11:00 ގައެވެ.

ޔާމީން ރަޝީދު މަރާލީ އޭޕްރީލް 23، 2017 ގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ.

މަރުތަކުގެ ހަގީގަތާ ހަމައަށް ވާސިލް ވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވެސް މި މައްސަލަ ތަހުގީގު ކުރެއެވެ. އެ ކޮމިޝަނުން މިހާތަނަށް ކުރެވުނު ތަހުގީގުގެ މައްޗަށް ބުނެފައިވަނީ ޔާމީން ރަޝީދު މަރާލަން ރާވާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ޖަމިއްޔާއަކުންނެވެ.