މާލޭގެ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި ހާދިސާތައް އިތުރުވެ ކައިރި ކައިރީގައި ދެ ހާދިސާއެއް ހިނގައި އެކަކު ނިޔާވެ ދެ މީހަކަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ފެބްރުއަރީ 8، 2012 ގައި ހިނގި ސިޔާސީ ހަނުޖެހުންތަކާ ގުޅޭ ގޮތުން ބައެއް މެންބަރުން މިއަދު ބަހުސް ކުރައްވައިފިއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި އެ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވާހަކަ ދެއްކެވީ މީގެ ނުވަ އަހަރު ކުރިން، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނު ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކާއި އޭގެ އަނެއް ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅޭ ގޮތުންނެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގައި ކަންކަން ހިނގަމުން ދަނީ ސިޔާސީ ބޭފުޅުން ވަރަށް ބޮޑަށް ބޭނުންވާ ގޮތަށް ކަމަށެވެ. ސިޔާސީ ލީޑަރުންނަކީ ވަރަށް ޒިންމާދާރު މަގާމެއް ކަމުގައި ވިދާޅުވެ ޝިޔާމް ދެން ވިދާޅުވީ އަށެއް ފެބްރުއަރީ އަލުން ތަކުރާރުވުމަށް އޭނާ އެދިވަޑައިނުގަންނަވާ ކަމަށެވެ.

ޝިޔާމް ސިފަކުރެއްވި ގޮތުގައި ފެބްރުއަރީ 8، 2012 އަކީ ދިވެހި ތާރީޚުގައި ހިމެނޭ ކަޅު ސަފްހާއެކެވެ. ޝިޔާމް ދެން އިޝާރާތް ކުރެއްވީ އެ ދުވަހު މުޒާހަރާ ކުރި އެމްޑީޕީގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރޭގައި ރާއްޖޭގެ ބައެއް ކަންކޮޅުތަކުގައި ހުރި ދައުލަތުގެ މުދަލާއި އިމާރާތްތަކުގައި ބަޔަކު ވެގެން ހުޅު ޖަހައި ގެއްލުން ދިން ދިނުމަށެވެ. މިގޮތަށް އެންމެ ބޮޑު ގެއްލުންތަކެއް ދީފައި އޮތީ އައްޑޫ ސިޓީގައި ހުރި ދައުލަތުގެ މުދާތަކާއި އިމާރާތްތަކަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް މުދަލެއްގައި ހުޅު ޖެހި،" ޝިޔާމް ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް - ފޮޓޯ: މަޖިލިސް
ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ފިރުޝާން ފުރަތަަމަ ވެސް ވާހަކަ ދައްކަވަން ފެށްޓެވީ އެ ދުވަހާ ގުޅޭ ގޮތުންނެވެ. ފިރުޝާން ވެސް ސިފަ ކުރެއްވި ގޮތުގައި އެ ދުވަހަކީ ކަޅު ސަފްހާއެއް ހިމެނޭ ދުވަހެކެވެ. ފިރުޝާން ފާހަގަކުރެއްވީ އެ ދުވަހު މުޒާހަރާ ކުރަމުން ދިޔަ އެމްޑީޕީގެ ބައެއް ސަޕޯޓަރުންނަށް ފުލުހުންގެ ބަޔަކު އަނިޔާ ކުރި ކުރުމަށެވެ.

"އެ ދުވަހަކީ ރާއްޖޭގެ އެތައް ރައްޔިތުންނަށް އެތައް ގެއްލުމެއް ލިބުނު ދުވަހެއް، އެ ދުވަހުގެ ހަނދާންތައް އާކުރުމަށް ފަހު ބަހުސަށް ދާނަން،" ދެން ހުށަހެޅިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަން ފެއްޓެވުމުގެ ކުރިން ފިރުޝާން ވިދާޅުވިއެވެ.

މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން

ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް ހަލީމް) ވިދާޅުވީ، ފެބްރުއަރީ އަށެއްގެ ވާހަކަ ދެއްކުމުގެ ކުރިން ފެބްރުއަރީ ހަތެއްގައި އާއި ފެބްރުއަރީ ހައެއްގައި ހިނގައިދިޔަ ކަންކަން ބެލުން ވެސް މުހިއްމު ކަމަށެވެ.

ސިޔާސީ ލީޑަރުން ޒިންމާދާރުވާން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވުމުން އެ ވާހަކައަށް ހަލީމް ރައްދު ދެއްވިއެވެ. މާޒީގައި ހިނގައިދިޔަ ބައެއް މަޖާޒީ ކަންކަމާ ގުޅުވައި އިންޑިއާގެ ވެކްސިން ނުޖެހުމަށް ޕީޕީއެމް އާއި ޕިއެންސީގެ ލީޑާޝިޕް ވާހަކަ ދައްކަވާފައިވަނިކޮށް އެ ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް މުހައްމަދު ވަހީދު ވެކްސިން ޖައްސަވާފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ލީޑާޝިޕްއާ އިދިކޮޅަށް ރައީސް ވަހީދު ވެސް ނުކުންނެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު ހަލީމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ މިއަދަށް ހުށަހަޅާފައިވާ ކުއްލި މައްސަލަ ހުށަހެޅުމުގެ މަގްސަދަކީ ސިޔާސީ މަންފާއެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެހެން ވިދާޅުވާ ސަބަބަކީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓީތަކުން ދިރާސާ ކުރަން ފަށާފައިވާތީވެ މަޖިލީހަށް ވަކިން އަދި ކުއްލި މައްސަލަ ހުށަހަޅާފައިވާތީ ކަމަށެވެ.

ނިހާދު ވެސް ދެން ވާހަކަ ދެއްކެވީ އަށެއް ފެބްރުއަރީގެ ވާހަކައެވެ. އޭނާ ވިދާޅުވީ އެ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅު ޖަހައި ދައުލަތުގެ އިމާރާތްތަކާއި މުދާތަކަށް ގެއްލުން ދިނުމުގެ ކަންކަން ކުރިއަށް ދިޔައީ ބަޔަކު ރާވައިގެން ކަމަށާއި އެ ކަން ކޮށްފައިވަނީ އޭރު ވެސް އެމްޑީޕީގެ ސަޕޯޓަރުންގެ ބޮލަށް އެ ތުހުމަތު އެޅުވުމަށް ކަމަށެވެ.

ފޭދޫ ދާއިރާގެ މެމްބަރު ނިހާދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ އޭރު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ސިފައިންނާއި ފުލުހުންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ނަޝީދު އަބަދުވެސް ތުހުމަތު ކުރައްވަނީ އެއީ "ބަޣާވާތެއް" ގެ ގޮތުގައެވެ. އެކަމަކު އެ މައްސަލަ ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ކޯނި ރިޕޯޓްގައި ބުނެފައިވާ ގޮތުން އެ ދުވަހު ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށެވެ.

ފެބްރުއަރީ 7، 2012 ގައި ކުރި މުޒާހަރާގެ ތެރެއިން އެމްޑީޕީގެ ސަޕޯޓަރުންނާއި ވާދަވެރި ޕާޓީތަކުގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ. އަދި އެއީ ބަޣާވާތެއް ކަމަށް ބުނެ ރައީސް ނަޝީދު ވެސް އިސްވެ ހުންނަވައި ފެބްރުއަރީ 8، 2012 ގައި މަގުމައްޗަށް ނުކުތް ދުވަހު ވެސް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާކުރިއިރު، ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ބައެއް މީހުން ވަނީ ބައެއް ރަށްރަށުގައި ހުރި ދައުލަތުގެ މުދާތަކާއި އިމާރާތްތަކުގައި ހުޅު ޖަހައި ގެއްލުން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޑޫ މީހާ

    8 ފެބުރުއަރީގަ އައްޑޫ ރޯކުރި. ކޮންބައެއް؟

    12
    • ކާފަ

      ޕޕމ ގުންޑާއިން

  2. ކެރަފާސް

    ހެޕީބޮޑުހުޅުޑޭ 🥂🍾