އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ހުސްވެފައިވާ އެ ކޮމިޝަންގެ މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވާފައިވާ ޑރ. މުހައްމަދު ޒާހިރުގެ ނަމަށް ރުހުން ދޭން، އެ ނަން ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ނިންމައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ޑރ. ޒާހިރު ހާޒިރުކޮށް އިންޓަވިއު ކުރިއެވެ. އިންޓަވިއުއަށް ފަހު، ކޮމިޓީގެ މެންބަރުންގެ މެދުގައި ނެގި ވޯޓުގައި އޭނާއަށް ރުހުން ދޭން ފާސްވީ ކޮމިޓީގައި އޭރު ބައިވެރިވެވަޑައިގެން ތިއްބެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ޑރ. ޒާހިރަށް ރުހުން ދޭން ފެންނަ ކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ރިޕޯޓެއް ފޮނުވާނެއެވެ. މަޖިލީހުގެ ތަޅުމުގައި އެ ރިޕޯޓަށް ވޯޓަށް އަހާނެއެވެ. ޑރ. ޒާހިރަށް ރުހުން އޮތް ކަމަށް ނުވަތަ ނެތް ކަމަށް ފާސްވާނީ ތަޅުމުގައި ނަގާ އެ ވޯޓުންނެވެ.

ޑރ. މުހައްމަދު ޒާހިރަކީ ކުރިން އީސީގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރެއްވި ޒާހިރު ލެކްޗަރާއެއްގެ ގޮތުގައި ގައުމީ ޔުނިވާސިޓީގައި ވެސް އޭނާ މަސައްކަތް ކުރައްވައެވެ.

އީސީގެ މެންބަރު ކަމުގެ މަގާމެއް ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަހުމަދު އަކުރަމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އޭނާއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް އަމާޒުވެ އެ ކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބެލުމަށް ފަހު އޭނާ ވަކިކުރަން އެ ކޮމިޓީއިން ނިންމާފައިވަނިކޮށެވެ.

އީސީގައި ތިއްބަވަނީ ފަސް މެންބަރުންނެވެ. މިހާރު އެ ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއާއި، ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބްއާއި ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގްއާއި، އަލީ ނަޝާތެވެ.

ކޮމިޝަންގެ ޒިންމާއަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ރާއްޖޭގައި ހިންގާ ސިޔާސީ ހަރަކާތްތައް ރެގިއުލޭޓް ކުރުމާއި އިންތިޚާބުތައް ބޭއްވުމެވެ.