ފުވައްމުލައް ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު އެ ސިޓީން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

ފުވައްމުލަކުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ ދުބާއީގައި ހުރެފައި އެރަށަށް ކަރަންޓީނަށް އައިސްފައިވާ މީހެއްގެ ފަރާތުންނެވެ.

އެ ސިޓީގައި ކޮވިޑް ފެތުރެމުންދާތީ މިހާރު އެ ސިޓިގައި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ އެ ސިޓީގައި ރޭގަނޑު ގަޑީގައި ކާފިއު ހިންގަން ވަނީ ނިންމާފައެވެ. އެއީ މާދަމާ އިން ފެށިގެން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށެވެ.

މީގެއިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، އެރަށުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން ހިމެނެއެވެ. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ފަރާތްތަކުން އިސްތިސްނާވާނެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، އެރަށުގެ ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.

އެއުސޫލުގައި ބުނެފައިވަނީ ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، އެ ހިދުމަތް ދޭން ޖެހޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގައި މަތީން ކަމަށެވެ.

އަދި ފިހާރާތަކާއި ބޭންކު ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމާއި، ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް އޭގައި ވަނީ އަންގާފައެވެ.

އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަންވެސް އަންގާފައި ވެއެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު