ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރިފައިވާ ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޮވިޑް-19 ރާއްޖެ އިން ފެނުނުތާ މިއަދަށް އެއް އަހަރުވީ އިރު، މި ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓަށް ޗުއްޓީ ހޭދަ ކުރުމަށް ދިޔަ ފަތުރުވެރިއެއްގެ ގައިންނެވެ. އެއާ އެކު، ކުރެއްދޫގެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އޭގެ ތެރޭގައި އެތަނުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ހިމެނެއެވެ.

އޭގެފަހުން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް 20،663 މީހުން ފައްސިވެ 64 މީހުން ވަނީ ނިޔާވެފައެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ކޮވިޑް އެންމެ ބޮޑަށް ފެތުރިފައި އޮތް ގައުމުތަކުގެ ލިސްޓްގެ 119 ވަނަ ލިބެނީ ރާއްޖެއަށެވެ. ރާއްޖެ އިން މި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 17،979 އަށް އަރާއިރު، މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،620 މީހުންނެވެ.

އޭގެ ތެރެއިން 162 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލިޓީތަކުގައެވެ.

ލިސްޓުގައި ރާއްޖެ އަށް ވުރެ ފަހަތުގައި އޮތް ބައެއް ބޮޑެތި ގައުމުތަކުގެ ތެރޭގައި ސީރިއާ، ބާކިނޯ ފަސޭ، ރުވެންޑާ، ހޮންގްކޮންގް، ކޮންގޯ، ދެކުނު ސޫދާން، މާލީ، ސޯމާލިއާ، ބެނިން، އައިސްލޭންޑް، މޮންގޯލިއޯ، ސީޝެލްސް ފަދަ ގައުމުތައް ހިމެނެއެވެ.

މީގެއިތުރުން ވިއެޓްނާމް، ޔަމަން، ނިއުޒިލެންޑް، ބުރުންޑީ، ކެމްބޯޑިއޯ، ޓައިވާން، ބޫޓާން މޮރިޝިއަސް، ޓަންޒޭނިއާ ވެސް އޮތީ ރާއްޖެ އަށް ވުރެ ފަހަތުގައެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ 221 ސަރަހައްދެއްގައި މިވަގުތު ކޮވިޑް-19 ފެތުރިފައި އެބައޮތެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެެއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައި އޮތް ތިން ގައުމަކިީ އެމެރިކާ އާއި އިންޑިއާ އާއި ބްރެޒިލްއިންނެވެ. އެގޮތުން އެމެރިކާ އިން 29 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި ފަސް ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިންޑިއާ އިން 11 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި އެއް ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ބްރެޒިލް އިން 10 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން މިހާތަނަށް 117 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާލް

    119 ރާއްޖޭގެ ޕޮލިސް އެމެޖެންސީ ކޮންޓެކްޓް ނަމްބަރ

    • ޚާރު

      ޢަލްފަބެޓް ތަރުތީބުން

  2. ގައުމީ ލޯބި

    މިނިސްޓަރު ބޭނުންވަނީ ވެސް ކޮވިޑް ފެތުރެން ނޫންތޯ؟
    ތީ ދިވެހީންގެ ޓެކްސް ފައިސާއިން މުސާރަ ހައްޤުވާ ބޭކަލެއް ނޫންކަމަ އަމިއްލަޔަށް އިޢުތިރާފު ތިވީ. އަވަހަށް މިނިސްޓަރު އިސްތިއުފާ ދެއްވާ!

    މުސާރަ ނަގައިގެން ދިވެހީންނަށް މަންފާހުރި ކަމެއް ކުރުމުގެ ބަދަލުގައި ދިވެހީންގެ ލޭ ބޯން ތި ދިމާކުރެއްވީ..

    ކޮވިޑް ކޮންޓްރޯލުކުރުމަށް މަސަތްކަތް ނުކުރާނެވާހަކަ، ބަދަލުގައި ތި ޔަވިދާޅުވަނީ އެ ބަލި ފެތުރުމަކި ރަގަޅު ކަމެކޭ..

    ވީމާ، މިހާރު ތިޔަމަސަތްކަތް ކުރައްވަނީ ބަލިފަތުރަން ކަން ޔަޤީންވެއްޖެ. ކޮވިޑްޖެހިގެން މަރުވާ މީހުން، ބަލި ޖެހޭ މީހުން އިތުރުވާވަހަކަ މީ ތިބޭފުޅާޔަށް އުފާވެރި ކަންލިބުނަސް ރައްޔަތުން އެކަމާއި ހިތާމަ ކުރާ ވާހަކަތަކެއް.

  3. ހުސޭނުބޭ

    ކޮވިޑް މެނޭޖްކުރުމުން އެންމެ ރަގަޅު ޤައުމުތަކުން ވަނަލިބިގެން އިހަށްދުވަހު ސޯލިބެޔަށް ޓަގުބޯޓެއް ބަރާކޮށް އެވޯޑުވެސް ލިބުނު! މަސަށް ހީވަނީ ކޮވިޑްގައި އެންމެ ބޮޑަށް ފޭލިވި ޤައުމުތަކުގައި ރާއްޖެ ހިމެނިފައި އޮތީހެން!

  4. ކޯވިޑް ފަނި

    އާބާދީގެ ނިސްބަތުން ބަލަންޔާ 60 ވަނަ އިނގޭތޯ ،ޕްލީޒް ގިވްމީ ޑިއު ކުރެޑިޓް