ރާއްޖޭގެ ރިސޯޓެއްގައި، ޕޫލަކަށް އެރި އުޅުނު ކެބިންކްރޫއަކު ގެނބިގެން ސީރިއަސް ހާލުގައި ފަރުވާދޭން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، މިއަދުގެ ވަގުތެއްގައި ކްލަބް މެޑް ކަނި ރިސޯޓުގައި ހިނގި އެ ހާދިސާއަށްފަހު އޭނާ މާލެއަށް ގެންގޮސް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މި ހާދިސާއާއި ގުޅިގެން ފަރުވާދެމުންދަނީ ހޮންގްކޮންގ އެއާލައިނެއްގެ ކެބިން ކްރޫއަކަށެވެ. ނަމަވެސް އޭނާ ނިސްބަތްވަނީ ކޮން ޤައުމަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ. މި ހާދިސާ ހިނގި ވަގުތު، އޭނާ އާއި އެކު ހޮންގކޮންގ އެއާލައިނުގެ އިތުރު ކެބިން ކްރޫއިންތަކެއްވެސް ޕޫލުގައި ތިއްބެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާ އާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު، އޭނާގެ ހާލާއި މެދު އޭޑިކޭ ހޮސްޕިޓަލުން އަދި އިތުރު މަޢުލޫމާތެއް ދީފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ މިއަދު ހެނދުނުގެ ވަގުތެއް ބ. އަތޮޅުގައި އޮންނަ ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުން ފަތުރުވެރިއަކު ކުއްލި ގޮތަކަށް މަރުވެފައިވެސް ވަނިކޮށެވެ. އެ ހާދިސާ ހިނގުމާއި ގުޅިގެން ބ. އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.