ޅ. ފެލިވަރު މުވައްޒަފެއް އެ އަތޮޅު ނައިފަރުން ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަބްދުﷲ ޖައުފަރު "ވަގުތު" އަށް ވިދާޅުވީ ފެލިވަރުން ކޮވިޑަށް ފައްސިވެފައި ވަނީ ނައިފަރަށް ނިސްބަތްވާ އަންހެނެއް ކަމަށެވެ. އަދި އޭނާ ކޮވިޑަށް ފައްސިކަން ދެނެގަނެވުނީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމާއި ގުޅިގެން ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދެއްކުމުން ކަމަށް ވިދާޅުވިއެވެ.

"ކްރޮނިކް ޑިސީޒް (ހިތުގެ ބަލި) ހުންނަ މީހެއް އެއީ. އޭނާ ހޮސްޕިޓަލަށް ދެއްކީ މެޔަށް ތަދުވާތީ. ފުއްމާމޭގެ މައްސަލަތައް ހުންނަ މިފަދަ ފަރާތްތައް ޑޮކްޓަރަށް ދެއްކުމުން އާންމުކޮށް ޓެސްޓު ކުރާނެ. އެގޮތަށް މި މީހާގެ ސުންކުވެސް ނެނގިގެން ދިޔައީ. ފެލިވަރުގައި ހުމެއް ފެތުރެމުން ދާތީ އެކަން މިހާރު ވަނީ އަތޮޅު ހޮސްޕިޓަލުގެ ސަމާލުކަމަށް އައިސްފައި. ވަރަށް އަވަހަށް އާރްއާރުޓީ ޓީމުން ދާނެ ފެލިވަރަށް ސުންކު ނަގަން" ޖައުފަރު ވިދާޅުވިއެވެ.

ޖައުފަރު ވިދާޅުވި ގޮތުގައި ކޮވިޑަށް ފައްސިވި މީހާ ފެލިވަރުގައި މަސައްކަތް ކުރަމުން ދިޔައިރުވެސް ބަލީގެ އަލާމާތްތައް ފެނިފައިވެއެވެ. އަދި މިހާރު އޭނާއާއި ދިމާވެފައިވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ނައިފަރުން ފައްސިވި މި މީހާއާއި އެކު އެރަށުން މުޅިއަކު ތިން މީހެއް މިވަގުތު ދަނީ އެ ބައްޔަށް ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން އެކަކީ ނައިފަރަށް އައިސް ކަރަންޓީނު ނިންމާފައި ނެނގި ސުންކުން ފައްސިވި ފިރިހެނެކެވެ. އަނެކަކަކީ މިދިޔަ ހުކުރު ދުވަހު މިހާރު ބަންދުގެ ހާލަތަކަށް ގެނެސްފައިވާ އުނގޫފާރަށް ގޮސް ނައިފަރަށް އައި ސިއްހީ ހިދުމަތްތެރިއެވެ.

ނައިފަރު މޮނިޓަރިން ހާލަތަށް ގެނައީ އުނގޫފާރުން މިދިޔަ ހަފުތާގައި ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ. ނައިފަރުން ފައްސިވި އެ މީހާއަކީ ނަރުހެކެވެ. އޭނާއާ ގިނަބަޔަކު ގާތުން އެއްތާވިއެވެ.

މި ވޭދަނައާ ގުޅިގެން އެ ރަށުން ގިނަ އަދަދެއްގެ ސުންކު ނެގިއެވެ. އެކަމަކު މިހާތަނަށް އެއްވެސް މީހަކު އެ ރަށުން ބައްޔަށް ފައްސިވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނައިފަރު ޖިމޯ

    ކޮބާ މައިމޫނާ ..12 މާޗުގެ ފަހުން ބަންދު ކުރި ހުރިހާ މަސްދަޅުތައް ބޭނުން ކުރި އެންމެން ކަރަންޓީނަށް. 14 ދުވަސް ޖާހާ

    10
    • ހުސޭނުބޭ

      ހުރިހައި މަސްދަޅުތައްވެސް ކަރަންޓީނުކުރޭ!

  2. ޙަޔާނު

    ފެލިވަރުމުވައްޒަފުންނަކަށް ފެލިވަރަކުން ނުނިކުމެވޭ! ފެލިވަރަކަށް ނޭރޭ! އެކަމަކު މަސްކިރަން ރަށަށްއަރާއުޅުނު މަސްވެރިން މިނިވަންކަމާއެކު އެތިބަ އުޅެނީ! މައިމޫނާ އިސްތިޢުފާ
    ޅ އަތޮޅު ހޮސްޕިޓަލަކަށް މީަކަށް ނުވަދެވޭ! އެކަމަކު ހޮސްޕިޓަލުގެ ޑޮކްޓަރުންނާ މުވައްޒަފުންނަށް ރަށުތެރޭގަ މިނިވަންކަމާއެކު އުޅެވޭ! މިސްކިތަށްވެސް ދެވޭ! މައިމޫނާ އިސްތިޢުފާ