ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުރީގެ ދެފުލުހުން ކަމަށްވާ އަލީ ރިޝްވާން އާއި ހަސަން ނަސީރުގެ މައްސަލައިގައި ދިފާއީ ވަކީލަކު އައްޔަން ކުރުމަށް މިއަދު ފުރުސަތު ދީފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު 10:30 އަށް ތާވަލުކޮށްގެން ކުރިއަށްގެންދިޔައީ ރިޝްވާން އާއި ނަސީރުގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާއެއްގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމެވެ.

ރިޝްވާން އާއި ނަސީރުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުން، ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްދުގައި ހުރަސްއެޅުން، ގާނޫނު ހިންގުމަށް ހުރަސް އެޅުން، އަދި އާންމު މަސްލަހަތައް ގެއްލުން ހުރި ކަމެއް ކުރުމެވެ.

އެ ދެމީހުންގެ މައްޗަށް މި ދައުވާތައް ކޮށްފައި ވަނީ އެކެއް ފެބްރުއަރީގެ އަމުރަށް ފަހު މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނު މަގު ޗައިނާ އެމްބަސީ ކައިރިއަށް ފަހަތައް ޖައްސާފައި ވަނިކޮށް ބެރިކޭޑުގައި އަތް އަޅައި ކޮއްޕައި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭ ގޮތައް އަމަލުކޮށް، ފުލުހެއްގެ މަގާމުގައި ހުރެ ލިބިގެންވާ ބާރުގެ ބޭރުން އަމަލުކޮށް، އާންމު މަސްލަހަތު ގެއްލޭ ގޮތައް އަމަލުކޮށް ފުލުހުންގެ ގާނޫނީ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ.

ދެމީހުންގެ މައްސަލަ ވަކިވަކިިން ކުރިއަށް ގެންދިޔަ އިރު މިއަދު ކްރިމިނަލް ކޯޓުގައި އޮތް މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ގާޒީ ވަނީ އެ ދެމީހުންނަށް ލިބިގެންވާ ހައްގުތައް ވިދާޅުވެފައެވެ. އެގޮތުން ވަކީލަކާއި އެކު ކުރިއަށް ގެންްދަން ބޭނުންތޯ ސުވާލު ކުުރެއްވިއެވެ. ރިޝްވާން އަދި ނަސީރުއަށް ވެސް ވަނީ ވަކީލަކު އައްޔަން ކުރުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. ގާޒީ ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ 14:00 ކުރިން ވަކީލަކު އައްޔަންކޮށް ކޯޓަށް އެންގުމަށް އެ ދެމީހުންނަށް ވެސް އަންގާފައެވެ.

ރިޝްވާން އާއި ނަސީރު ހައްޔަރު ކުރީ އެކެއް ފެބްރުއަރީއަށް ފަހު ނެރުނު ކުއްލި ހާލަތުގެ ދަށުންނެވެ. އެ ދެމީހުންގެ އިތުރުން އިތުރުން ވެސް ފުލުހުން ތަކެއް ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދަނީ ގިނަ ދައުވާތަކެއް ކުރަމުންނެވެ.