ހއ.ދިއްދޫ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 79ށް އަރައިފިއެވެ.

ދިއްދޫ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި މިއަދު އެރަށުން އަލަށް ފައްސިވި 14 މީހުންނާއި އެކު ޖުމްލަ އަދަދު ވަނީ 79ށް އިތުރުވެފައެވެ. މީގެ ތެރޭގައި އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ތިން މީހެއްގެ ސުންކު ވެސް ކޮވިޑަށް ފައްސި ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ފައްސިވި މީހުންގެ ތެރޭގައި ފްލޫ ކްލިނިކަށް ދައްކައިގެން ފައްސިވި މީހަކާއި ކަރަންޓީނުގައި ތިބި 4 މީހަކު ހިމެނެއެވެ. އެރަށުން ފައްސިވި މީހުންގެ ފަރާތުން 71 ޑައިރެކްޓު ކޮންޓެކްޓުން މިހައިތަނަށް ވަނީ ދެނެގަނެވިފައެވެ.

ދިއްދޫގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ. ދިއްދޫގެ 200ށް ވުރެން ގިނަ ގެތަކާއި ފްލެޓުތައް މިހާރު ކަރަންޓީނު ކޮށްފައި ވާއިރު ރަށުގައި ވައިރަސް ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް ވެސް ދާދި ފަހުން ވަނީ އަޅާފައެވެ.

ރަށުގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ފިހާރަތައް ވަކި ގަޑިއެއްގައި ހުޅުވުމާއި ވެހިކަލްތައް ދުއްވުމަށް ވަކި ގަޑިތަކެއް ކަނޑައެޅުމުގެ އިތުރުން އެނޫން ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.

ދިއްދޫ އިން ފައްސިވި 79 މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަަސްވެ ށ. އަތޮޅު ކޮވިޑް ފެސިލިޓީ އަށް ވަނީ ގެންގޮސްފައެވެ. ހއ. އިހަވަންދޫގައި ކޮވިޑް ފެސިލިޓީ އެއް ސަރުކާރުން ގާއިމު ކުރި ނަމަވެސް، އެތަނުގައި ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ސަބަބުން އަތޮޅުގެ ރައްޔިތުންނަށް އެ ފެސިލިޓީގެ ބޭނުން ކުރުމަށް މަގުފަހި ވެފައެއް ނުވެއެވެ.