ލ.ގަމުގެ މިސްކިތެއްގައި ދަމުނަމާދު ކުރަމުން ދަނިކޮށް މީހަކު މިސްކިތުގެ އެތެރޭގައި އަޑުގަދަކޮށް ހުތުރު އެއްޗެއް ކިޔައި އިމާމަށް ހަމަލާ ދިން މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހަމަލާދީފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގަން، ތުނޑި، އާބާދީ ސަރަހައްދު މިސްކިތުގައި ދަމު ނަމާދު ކުރަމުން ދިޔަ މުދިމަށެވެ. އެ މީހާ މިސްކިތަށް ވަދެ، މުދިމު ގައިގައި ޖަހައި މައިކް އެއްލާލުމަށް ފަހު ނުކުމެގެން ދިޔަ ކަމަށްވެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ހުޅުމާލޭ އަޒީޒާ މިސްކިތުގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ މީހަކާ މާރާމާރީ ހިންގައިގެން އިންޑިއާ މީހަކު ހައްޔަރުކުރިއެވެ. އެ މައްސަލައިގައި އިންޑިއާ މިހާ ވަނީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލައިފައެވެ.