ކޮވިޑް-19 ފެތުރެމުން އަންނަތީ އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގެ ސްކޫލްތައް އިތުރު އެއް ހަފްތާއަށް ބަންދު ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުންދާ މިދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް އެލްކޭޖީއިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ.

ސްކޫލްތައް ބަންދުވީ ނަމަވެސް، އެ މުއްދަތުގައި އިމްތިހާނުތައް ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ސަބަބުން މާލޭ ސަރަހައްދުގެ ސްކޫލްތައް މީގެ ކުރިން ވެސް ވަނީ ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދީފައެވެ.

ފަހަކަށް އައިސް ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދާއި ބައެއް އަތޮޅު ތެރޭގެ ރަށްތަކުގައި އިއުލާނު ކޮށްފައިވާ ކާފިއުގެ ވަގުތު ވަނީ އިތުރު ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 40،092 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 1،572 މީހަކު ފައްސިވެފައިވަނީ ފާއިތުވި 24 ގަޑިއިރު ތެރޭއެވެ. މިހާތަނަށް މި ބަލިން 27،123 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 12،873 މީހަކަށް ފަރުވާ ދެމުން އަންނައިރު، 263 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.