ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ތެރެއިން މި ވެރިކަން ވައްޓާލާނެ އިތުރު ޕާޓީއެއް އުފެދެން ޖާގަ ލިބިގެން ނުވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ޖާބިރު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އެއްވެސް ޒާތެއްގެ ނަފުރަތު އުފައްދައި ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި މުޖުތަމައުގެ ތެރޭގައި ނަފްރަތު އުފައްދަމުން ދަނީ ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރުމުގެ ބޭނުމުގައެވެ. އެމްޑީޕީއާއި އެހެން ޕާޓީތަކުގެ ބައެއް ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް "ލާދީނީ" ބަސް ރައްދު ކުރަނީ ވެސް އެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އިންތިޚާބު ކާމިޔާބު ކުރަން ދީން ބޭނުން ކުރާތަން ފެނޭ، ދީން މިލްކަކަށް ހަދައިގެން އުޅެނީ، އެމްޑީޕީ ވިން ވާއިރަށް ލާދީނީ ގްރޫޕްއަކަށް ވަނީ، ރައީސް މައުމޫންގެ ދައުރުގެ ފަހުކޮޅު އެމަނިކުފާނާ ދެކޮޅަށް ވެސް ދީން ހަތިޔާރަކަށް ބޭނުން ކުރީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕީއަކީ ވެސް ހަރުދަނާ ގޮތެއްގައި ހިނގަމުން އަންނަ ސިޔާސީ ޕާޓީއެއް ކަމަށާއި އެ ޕާޓީ ބައިބައިކޮށްލަން ނަފުރަތު އުފެއްދުމުގެ ކަންކަން އެ ޕާޓީ ތެރެއިން ފެނުމަކީ އޭނާ ބަލަން ބޭނުންވާ މަންޒަރެއް ނޫން ކަމަށެވެ.

"އެމްޑީޕީގެ އެތެރެއިން އެމްޑީޕީގެ ސަރުކާރު ވައްޓާލަން އިތުރު ޕާޓީއެއް އުފެއްދުމަކީ ވެގެން ވާނެ ކަމެއް ނޫން،" މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ ޑީއާރުޕީއާ ވެސް ގުޅިގެން އެމްޑީޕީ މަސައްކަތް ކުރަން ގޮވާލައްވައިފައެވެ. އަދި އެމްޑީޕީން ވެސް ގުޅިގެން މަސައްކަތް ކުރަމުން ދަސްކުރަން ޖެހޭ ކަމުގައި ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެ ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ގޯސްވެގެން ދިޔައީ، މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކުރަން ސަރުކާރުން ދެކޮޅު ހެދުމާއެކުއެވެ.

ފަހުން ވަކިވަކި ސިފައިން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ކުރަން ފެށި ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަޒީރުން މި މައްސަލައަށް ވާހަކަ ނުދެއްކުމުންނާއި ނަޝީދުގެ ހުށަހެޅުއްވުންތައް ބޭރު ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ލޮބީ ކުރައްވާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ރައީސް ސޯލިހްގެ އަރިސް މެންބަރުންނަށް ރައީސް ނަޝީދުގެ އަރިސް މެންބަރުން ނުރުހުން ފާޅުކުރަމުންދާއިރު، ރައީސްގެ އަރިސް މެންބަރުންގެ ދިފާއުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް ވަނީ ނުކުންނަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ މީހާ

    ޖާއަކަށް ކޮންކަމެއް މިހާރުދެން އަމިއްލަ ޕާޓީގެ ކަންތަކާ އުޅެންވީމަ އެހެން ޕާޓީތަކުން ކުރާކަންކަމާ ނުބެހި ހުރެބަލަ ތިޔަ އޑޕ އެއް ވުޖޫދުން ފޮހެވިއްޖެއިޔާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހިލައިގެން އުޅެވިދާނެ މިހާރު މިގައުމަށް ޖެހިފައިވާ ކޮވިޑް19 ގެ މުސީބާތައްވުރެ ވަކި ދުއްޕާން ކުޑަ މުސީބާތެއްނުން އޑޕ ގެ މުސީބާތަކީ

    5
    2