ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އެމްޓީސީސީން މިއަދު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތުގެ 91 އިންސައްތަ އާއި ބޭރުތޮށިލުމުގެ މަސައްކަތުގެ 75 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

އަދި 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރިއިރު، މި މަޝްރޫއުގެ އަގަކީ 42.1 މިލިއަން ރުފިޔާއެވެ.