ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމަޖައްސަން މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރީ 56 މެންބަރުންގެ ވޯޓުންނެވެ.
މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރީ 56 މެންބަރުންގެ ވޯޓުންނެވެ.
ދެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
ގާނޫނުތަކަށް ގެނައި އިސްލާހުގައިވަނީ މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރާއި ދެ ބޭފުޅުންގެ ގެކޮޅުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އެމްއެންޑީއެފުން ކަމުގައެވެ.
މި ގޮތުން ސުޕްރީމް ކޯޓުން އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މުވައްޒަފުން ހަމަޖައްސަން ވާނެ ކަމާއި މަޖިލީހުގެ ރައީސްގެ ގެކޮޅަށް މަޖިލީހުގެ އިދާރާއިން މުވައްޒަފުން ހަމަޖައްސަން ޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
މި ގޮތުން ދެ ބޭފުޅުންގެ އަނބިމީހާ ނޫނީ ފިރިމީހާއާއި ދަރިންނާއި މައިންބަފައިންނާއެކު މި ގެކޮޅުތަކުގައި ދިރިއުޅުއްވޭނެ ކަމަށް އިސްލާހުތަކުގައިވެއެވެ.
މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމަޖައްސަން ނިންމާފައި މިވަނީ، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ ޖަރުމަނުގައެވެ.
ދައުލަތުގެ ފަރާތުން މިހާރު ގެކޮޅު ހަމަޖައްސަވާފައި ވަނީ ރައީސްއާއި ނައިބު ރައީސަށް އެކަންޏެވެ. އިސްލާހުތައް ތަސްދީގު ކުރުމުން ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ވެސް ދައުލަތުން ގެކޮޅު ހަމަޖައްސަން ޖެހޭނެއެވެ.
މިމީހުން ރައްޔިތުންގެ ރުހުން ނެތި ރައްޔިތުންގެ ސައިސާ ބަހަނީތޯ ؟ރައްޔިތުން ބުރަމަސައްކަތުން ހޯދާ ފައިސާކޮޅުން ބަޔެއް ޖީބަށްލައިގެން ތިބެ މިދަނީ ރަގަޅަށްބާ !
ގައުމު ހުސްނުކޮށް ވެރިކަމުން ފައިބާ . ޙުރިހާކަމެއް އަމިއްލަ ފައިދާއަށް. ޥެދާނެ ރާއްޖެނައިސް އެހުރީ ގަނޑުވަރު ހަމަޖައްސަންދެން ކަމަށް. މީގެކުރިންވެސް ރާއްޖޭގައި ތިންބާރުއޮވެ. މިވަރެއް ނުދެކެން.