ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި މޫދު ސަރަހައްދުން އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލާފައި އޮއްވައި ފެނުނު މައްސަލައަކީ މިވަގުތު ދިވެހި ފުލުހުން އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ އެއް މައްސަލައެވެ. ކުޑަކުއްޖަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ހޯދި ހޯދުންތަކުން އެ ކުއްޖާ ފެނުނީ ޒަހަމްތަކަކާއެކު އަނިޔާވެރި ގޮތަކަށް މަރާލުމަށް ފަހު ލަގެޖް ފޮއްޓަކަށް ލައި އެއްލާލާފައި ވަނިކޮށެވެ.

މިހާތަނަށް އައި އިރު މި މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. އެގޮތުން 27 އަހަރުގެ މީހާގެ ޝަރީއަތް ނިމެންދެން ބަންދު ކުރި އިރު 17 އަހަރުގެ ކުއްޖާގެ ބަންދަށް ޖެހީ 15 ދުވަހެވެ. މި ދެ މީހުންނަކީ ވެސް ކުޑަ ކުއްޖާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހުން ކަން ފުލުހުން ތުހުމަތު ކުރެއެވެ.

ކުޑަ ކުއްޖާ މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ނ.ލަންދޫ ބަގީޗާގޭ އިބްރާހިމް ޒިހާން 27، އަކީ މާރާމާރީ އާއި މަސްތުވާތަކެތީގެ ރެކޯޑް އޮތް އެ ފިރިހެން މީހާ އަކީ މާރާމާރީގެ މައްސަލައެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހު މީގެ ހަތަރު މަސް ދުވަސްވަރު ކުރިން މިނިވަންވި މީހެކެވެ. އޭނާ އެންމެ ފަހުން ލަންދޫ އަށް ދިޔައީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި ކަމަށްވެއެވެ.

އެ ދެ މީހުން ހައްޔަރު ކުރީ ހެންވޭރު ދުނބުރި މަގުގެ މެދެއްހާ ހިސާބެއްގައި ހުންނަ އެކްސްޓްރާ ހެވެން ނަމަކަށް ކިޔާ ގެސްޓް ހައުސްއަކުންނެވެ. އެ ދެމީހުން ހައްޔަރު ކުރީ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ދެ މީހުން ހައްޔަރު ކުރި ގެސްޓްހައުސް. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

މަންޒަރު ދުށް މީހަކު ބުނީ އެންމެ ފުރަތަމަ އެ ގެސްޓް ހައުސް އަށް އައި ފުލުހުން ތިބީ ކުލަ ހެދުމުގައި ކަމަށެވެ. އަދި އެ މީހުންގެ ސިފައަށް ބެލުމުން އެއީ ދިވެހިންކަން ދެނެގަންނަން އުނދަގޫ ކަމަށާއި ބަލާބެލުމަށް އެ މީހުން ވައްތަރީ ބިދޭސީންނާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ހީވަނީ ބޭރު މީހުން ހެން. ބަލާލާފައި ނުބުނާނެ ދިވެއްސެކޭ އެއީ. އޭރު މިތާ ސިނގިރެޓެއް ބޯން އިނީ. ވާހަކަ ދައްކާ ގޮތުން އެނގުނު އެއީ ދިވެހިންކަން. އެކަމަކު އޭރު މިވެގެން އުޅޭ ގޮތެއް ނޭނގެ. ދެން ފަހުން އައީ ފުލުހުން ޔުނިފޯމްގައި. ގެސްޓްހައުސް އާ ވީ ދިމާ ކަންމައްޗަށް މަޑު ކުރީ ވެހިކަލް. ދުވެފައި ކަހަލަ ގޮތަކަށް އެ މީހުން ވަދެގެން އައީ. އައިސް އާއްމުން ގެއަށް ވެއްދި. ބޭރުގައި ތިބި މީހުންވެސް. ވައްދާފައި އެ ބަޔަކު ހައްޔަރުކޮށްގެން ގެންދިޔައީ" އޭނާ ބުންޏެވެ.

އޭރު ގަޑިން 11 ނުޖަހާ އިރު، އެންމެ ފުރަތަމަ އައި ފުލުހުން އައިސް ތުހުމަތު ކުރެވޭ މީހުން ފިލާފައި ތިބި ކޮޓަރި އަށް ވަންނަން ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި ފަހުން ގެސްޓް ހައުސްގެ މީހުންނާ ދެކެވުނު ވާހަކައިން ފުލުހުންނަށް އެ މީހުން ތިބި ކޮޓަރީގެ ތަޅުދަނޑި އެއް ދިންކަން އެނގުނު ކަމަށް ވެސް އޭނާ ބުންޏެވެ.

"އޭރު މި ސަރަހައްދު އޮތީ އަމާންކޮށް. ފަހުން އެނގުނު ފުލުހުންނަށް ގެސްޓް ހައުސް އިން ޑަބަލް ކީ އެއް ދިންކަން. އެކަމަކު އެ މީހުންނެއް ނުހުޅުވި. އެތެރެއިން ކޮންމެވެސް ގޮތަކަށް ތަޅުލީ. 11 ޖަހަން އުޅެނިކޮށް މި ބުނާ ފުލުހުން މިތަނުން ދިޔައީ. ބައެއް މީހުން ބުނި ނުވައެއް ޖެހުމުގެ ކުރިން ވެސް ފުލުހުން އުޅުނޭ މިތާ." އޭނާ ބުންޏެވެ.

މަރާލާފައި އޮތް ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ބަންދު ކޮށްފައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެމީހާ ބުނީ 12 ޖަހާ ބޮޑުވި ފަހުން މާބޮޑަށް އަޑު ގަދަވެގެން އޭނާ ބެލްކަނީ އަށް ނުކުތް ކަމަށެވެ. އޭރު ގިނަ އަދަދެއްގެ ފުލުހުން އެ ގެސްޓް ހައުސްގެ ކައިރީގައި އާއި އެތެރޭގައި ހަރަކާތްތެރިވާ ކަމަށް އޭނާ ބުންޏެވެ.

" ތިރީގައި ތިބި އޭރުވެސް ބައެއް މީހުން. އެންމެން އެތެރެއަށް ވައްދާފައި ހައްޔަރު ކުރީ. އެ މީހުން ވަރަށް ބާރަށް ހަޅޭއްލެވި އަޑުއިވުނު. ދޮރު ހަލާކުކޮށްލައިގެން ވަތް ކަމަށް ވަނީ. މޫނެއް ނުފެނޭ މިބުނާހެން ބެލްކަނީގަ ހުރީމަ. އެކަމަކު ވަރަށް ހަޅޭއް ލެވި. އޭރު ހީކުރީ މަސްތުވާތަކެތީގެ ކަމެއް ކަމަށް ނޫނީ ބޮން ގޮއްވާލި މައްސަލަ ކަމަށް. ހެނދުނު އެނގުނީ އަސްލު ކޮން މައްސަލައެއްގައި ކަން އައީ." އޭނާ ބުންޏެވެ.

މައުލޫމާތު ދިން މީހާ ބުނީ ފުލުހުން އައިސް ދޮރު ހަލާކުކޮށްލި ވަގުތު ގޭގޭގައި ތިބި މީހުންނަށް ވެސް ހޭލެވޭ ވަރަށް އަޑު ގަދަ ކަމަށެވެ. އަދި ބިރުން ވީ ކިހިނެތްތޯ ސާފުކުރަން ނޫސްތައް ވެސް ބެލި ކަމަށް އޭނާ ބުންޏެވެ.

" ދޮރު ވައްޓާލި ގަޑީގަ ކަން ނޭނގެ ވަރަށް ބާރު އަޑެއް އިވުނު. ހަޅޭއްލަވާ އަޑު ވެސް އެހާ ގަދަ. ބިރުން ނޫސްތައް ހާވާފައި ވެސް ބެލިން. އެކަމަކު ނޭނގުނު ވީގޮތެއް. ވީގޮތެއް ބަލާލަން ނުކުމެ އަހާލިން ޖެހިގެން ހުރި އެޕާޓްމެންޓް މީހެއް ކައިރީގައި. ބުނި ފުލުހުން އެބަ އުޅެއޭ ވަރަށް ބައިވަރު ތިރީގައި. ދިވެހިން މިކިޔާ ގޮތަށް ނަމަ ސްޓާ ފޯސް އެއީ." އޭނާ ބުންޏެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުން ގެސްޓް ހައުސް އަށް ދިޔައީ އާދިއްތަ ދުވަހުއެވެ. އެ މީހުން ތިބީ އެތަނުގެ ދެވަނަ ފަންގިފިލާގެ ކޮޓަރިއެއްގައެވެ. އަދިވެސް އެތަން ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޖސޖބދ

  ހީވަނީ ބިންމާގެ ކުރު ވާހަކައެއްހެން .

  50
  4
 2. ނަސީ

  ފުލުހުންވެސް ހޯދަން ބޭނުން މީހުން ހޯދާ ބަރާބަރައް މަސްތުވާ އެއްޗެހި ހޯދަން އުދަގޫވަނީ

  46
  3
  • ޕީ

   މަސްތުވާ އެއްޗެހި މީހުންނާއި އެކު ހޯދުމުން ފަރުވާ.. 03 ފަހަރު އުފުރާލުމުން ވެސް ފަރުވާ.. އެއީ ބައްޔެކޯ

   26
   1
  • ތުނިޔަ

   ފުލުހުން މަސްތުވާ ތަކެތިވެސްހޯދާ...ކޯޓުން ދޫކޮށްލަނީ

   35
   4
 3. މިތުރާ

  މާލޭގަ މީހަކު ބާ ރަށް ކަ ރުކަހާލިޔަސް އަޑުއިވޭނެ، އޭކަ ރެއްގަ އުޅެ 3ހާހެއްހާމީހުން. ކޮތަޜު ކޮށިތައްއަޅާފަހުންނަނީ އެހާކާ ރިގަ.

  18
 4. ބިރުވެރި

  ފުލުހުން އާއްމުން ދި ރި އުޅޭ ތަންތަނަށް ވަދެ އަމަލުކު ރާ އުސާލަށް ބަދަލު ގެންނަން ޖެހޭކަމަށް ފެނޭ..ތިފަދަ ހާދިސާއެއް ތަޖު ރިބާ ކު ރެވުނު ދުވަހު ބި ރުން ފިއްކަޑާއިގެން ނުދިޔައީ ކި ރިޔާ.. ގޭގައޮތް 2 އަހަރުގެ ކުޑަކުއްޖަކުވެސް ބި ރުން ގޮސް ނުހުއްޓުނީ ކި ރިޔާ..އެއީ އަޅުގަޑުމެން އުޅުނު އެޕާޓްމެންޓުގެ ތި ރީ އެޕާޓްމެންޓް..އެއީ އޕާޓްމެންޓްގަ މަސްތުވާ ތަކެތި ހު ރިކަމުގެ ރިޕޯޓް ލިބިގެން ކޯޓް ޢަމުރުގެ ދަށުންނޯ..އެތަން ފުޑުފޑު ކޮށް ތަނެއް ގޮއްވާލިހެން ހީވީ ..ލަވާ އަޑުން ފު ރަތަމަ ހީކު ރީ އިމާ ރާތަށް މާ ރާމާ ރީ ހިންގަން ބަޔަކު ވަނީކަމަށް..ހަމައެއް ލަމައެއް ނެތި އުޅުނީ..ބަލައިގަނެވޭނެ ކަމެއް ނޫން..ނަފްސާނީ ގޮތުންވެސް ގެއްލުންވާނެ، ހަގު ރާމައިގެ މައިދާނަކަށް ވު ރެ އެދުވަހު ބި ރުބޮޑު.މަސްތުވާތަކެތި މާ ރާމާ ރީ ، މީހުން މެ ރުން މިފަދަ މައްސަތަށް ބަލަން ޖެހޭނެ. ..އެކަމަކުވެސް ކަމާއި ނުބެހޭ މީހުންނަށް ލިބިދާނެ ގެއްލުމަކަށްވެސް ވިސްނަނަން ޖެހޭނެ..

  25
  25
 5. ދިވެހި ދިދަ

  ބިރުވެރި ވާހަކައެއްތަ

  9
  2
 6. ހެސް

  ކީއްވެތަ އެކައްޗެއް ތި ލިޔަނީ..

  14
  3
 7. ޛ

  އެކަކު މެރިމީހާ 2 ވަނަމީހަކު މަރާނެ.

 8. ޝެޒްލީ

  ވަރަށް ބަރާބަރު ފުލުހުން. ފުލުހުންނަށް ތައުރީފު ހައްގު ކުއްކޮއްފަ ފިލައިގެން ބޮދައިގެން ގަދަބާރު އޮވެވިއްޖެތަ. ބިރުވެރި ޖަހައިގެން މި ކޮމެންޓު ކުރާމީހާޔަށް ރަނގަޅު އެއްގޮތްވެސް ނެތް. އެ ނުބައި ޝައިތޯނުން ހައްޔަރު ތިކުރީ ވަރަށް މޮޅަށް👮👏👏👏

  5
  1