އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލް އެވިޑް ކޮޮލެޖާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް އެ ފްލައިންގް ސްކޫލްގެ ހިންގުން އެ ކޮލެޖާއި ހަވާލުކޮށްފިއެވެ.

އައްޑޫގައި މިއަދު ބޭއްވި އެ ހަފްލާއެއްގައި އެވިޑް ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދެވެ. އޭއޭއޭ އިން ސޮއިކުރެއްވީ އެ ތަނުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދެވެ.

އެވިޑް ކޮލެޖާއި ފްލައިން ސްކޫލް ހިންގުން ހަވާލު ކުރުމަށް ނިންމާފައިވާއިރު، ރާއްޖޭގައި އޭވިއޭޝަން ކިޔަވަމުން އަންނަ ދަރިވަރުން ވަނީ އެކުދިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ނުލިބޭތީ އެކަމުގެ ހިތް ހަމަ ނުޖެހުން ހުރިކަން މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.

އެގޮތުން މީގެ ކުރިން އެތަން ހިންގާފައިވާ އޭއޭއޭ ކުންފުނީގެ ވެރިންގެ ފަރާތުން އިންޒާރު އައުސް، ކޯސްތައް ދިގުލައިގެން ދާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

ފްލައިން ސްކޫލް ހިންގާ އޭއޭއޭ އާއެކު ގަން އެއާޕޯޓު ކުންފުނިން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މިއަހަރުގެ ޖުލައި ނިޔަލަށް ހަމަވާއިރު، ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ، ސުރަންޖަން ޑި ސިލްވާ އާއި އެކައުންޓެބަލް މެނޭޖަރ، އަލީ އަކްބަރު ސައިފުއްދީން ޖީވަންޖީގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް އަންގަވާފައެވެ.

މީގެއިތުރުން ރައީސް ވަނީ އެ ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހަދައި، އިހުމާލުވެފައި ވާނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އަންގަވާފައެވެ.

އަދި އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑީއުކޭޝަން އިން ދޫކުރާ ލޯނުތަކަށް ބަދަލުކޮށްފައެވެ.