ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދުގެ ނަމުގައި އޮތް ސަފާރީއަކަށް އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޑރ. އަލަކާ ސިންގް އިންވެސްޓް ކުރި ފަހުން، އޭނާ ވިއްކަން ބޭނުންވި އަގަށް ވުރެ ކުޑަ އަގެއްގައި ވިއްކީ ބާކީ ފައިސާ ދައްކަން އެއްބަސްވެގެން ކަަމަށް އެ ފަރާތަށް ދޭހަވަނީ ތަރުޖަމާ ކުރުމުގައި އޮތް އޮޅުމަކުން ކަމަށް ނަޝީދުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

މި މައްސަލާގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ނަޝީދު 150،000 ޑޮލަރު ދިނުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ އެ ފައިސާ ހޯދަން އަލަކާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ހުކުމް ކުރީ އެއްބަސްވުމެއް އުފެދިފައިވާ ކަން ފެންނާތީ އެ ފައިސާ އަލަކާއަށް ދިނުމަށެވެ.

ނަމަވެސް ނަޝީދުގެ ފަރާތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން އެ ކޯޓުން ހުކުމް ކުރީ ގާނޫނީ ގޮތުން "ބެދެވޭނެ" އެއްބަސްވުމެއް ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ކަން ފާހަގަވާން ނެތުމުން ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށެވެ.

އަކަލާގެ ފަރާތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފް ކުރީ ވެސް ދެ ފަރާތުގެ ދެމެދުގައި ފައިސާ ދެއްކުމުގެ އެއްބަސްވުން ފެންނާނެ އީމެއިލް ލިޔެކިއުންތަކެއް ހުށަހަޅައިގެން ހައި ކޯޓުގައި އެ ނިންމުން ނިންމީ ޝަރުއީ ބުރަދަނެއް ނެތި ކަމަށް ފާހަގަކުރައްވައި އެ ނުކުތާއާ އެކުގައެވެ.

މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އަލަކާގެ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ފާހަގަކުރެއްވީ ސެޕްޓެމްބަރު 4، 2014 ގައި އަލަކާއަށް ނަޝީދު ފޮނުއްވާފައިވާ އީމެއިލްއެކެވެ. އެ އީމެއިލްގައި، ވަކީލް ހަސީން ވިދާޅުވާ ގޮތުން، ނަޝީދު ވިއްކާލަން ބޭނުންވާ މީހާއަށް އުޅަނދު ވިއްކާލުމަށް ފަހު އަލަކާ ބޭނުންވާ އަގާ ދެމެދުގައިވާ މިންވަރު އޭނާ ދައްކަން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

މި މުއާމަލާތްތަކަށް ބަރޯސާ ވުމުގެ ސަބަބުން އަލަކާއަށް ވަރަށް ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި މާ ކުޑަ އަގެއްގައި ވިއްކުމުންނާއި ފައިސާ އަނބުރާ ނުދިނުމުން ގެއްލުން ފޫބެއްދޭނެ ގޮތެއް ވެސް ނެތް ކަމަށް ހަސީން ވިދާޅުވިއެވެ. އަދި ވެފައިވާ ވައުދަކީ ދަރަންޏެއް ކަމުގައި އިސްލާމީ ޝަރީއަތުގައި އޮންނަ އޮތުން ވެސް ހަސީން ފާހަގަކުރެއްވިއެވެ.

ހަސީންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދުގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ 2014 ގައި ނަޝީދު ފޮނުއްވި އީމެއިލްގައިވާ އިބާރާތް ތަރުޖަމާ ކުރުމުގައި އަލަކާއާއި އޭނާގެ ވަކީލުންނަށް އޮޅުން އަރާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މި ގޮތުން އެ އިމެއިލްގައި އޮތް ކަމަށް އަލަކާގެ ވަކީލުން ކޯޓަށް ހުށަހެޅުއްވި ލިޔުމުގައިވާ އިބާރާތަކީ "ކޮންމެ ވެސް ގޮތެއް ހޯދައިގެން ހަތަރު ލައްކަ ޑޮލަރާއި ވިއްކާ އަގާ ދެމެދުވާ ފައިސާ ތި ފަރާތަށް އަހަރެން ދައްކާނަން،" ކަން މަހްފޫޒް ފާހަގަކުރެއްވިއެވެ. އެކަމަކު، އިނގިރޭސިން އޮތް އިބާރާތަކީ "ޑިފެރެންސް ބިޓްވީން ފޯ ހަންޑްރޭޑް ޑޮލާސް އެންޑް ސެލިން ޕްރައިސް މޭބީ އައި ހޭވް ޓު ފައިންޑް އަ ވޭ ޓު ޕެއިޑް ޓު ޔޫ ސަމް ހައު" އެވެ.

އޭގައި ފައިސާ ދައްކަން ވައުދުވާ ކަމަށް ތަރުޖަމާ ކުރެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

މިއަށް އަނެއްކާ ވެސް ހަސީން ރައްދު ދެއްވިއެވެ. ވަކީލް ހަސީން ފާހަގަކުރެއްވީ އިނގިރޭސި އިބާރާތުގައިވާ "ސަމް ހައު" އެވެ. އޭގައި ކޮންމެ ވެސް ގޮތަކުން އެ ފައިސާ ދެއްކުން ނޫން މާނައަކީ ކޮބައި ކަން ހަސީން ސުވާލު ކުރެއްވިއެވެ. އަދި ދައްކަން ނުޖެހޭ ފައިސާއެއް ނަމަ، ފައިސާ ދައްކަން ތާރީޚްތަކެއް ނަޝީދުގެ ފަރާތުން ދެއްވަން ޖެހޭ ސަބަބަކާ މެދު ވެސް އޭނާ ސުވާލު ކުރެއްވިއެވެ.

މައްސަލާގައި ހިމެނޭ ދެ ފަރާތަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދެ ފަރާތަށް ވެސް ސުވާލުތަކެއް އަމާޒުކޮށްފައެވެ. މި ދެ ފަނޑިޔާރުން ސުވާލު ކުރެއްވީ ކޮންޓްރެކްޓެއް ނުހެދި ސަބަބާއި، މިހާރު އޮތް މުއާމަލާތްތަކުން އެއްބަސްވުމެއް އޮތް ކަމަށް ބެލެވޭނެ ގޮތްތަކަކާ ގުޅޭ ގޮތުންނެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދެ ފަރާތުން ދެން ވެސް ފާހަގަކުރެއްވީ މީގެ ކުރިން މައްސަލައާ ވާހަކަ ދައްކަވަމުން ދެ ފަރާތުން ދެއްކެވި ވާހަކަތަކެވެ. ތިން ގަޑިއިރަށް ދިޔަ އަޑުއެހުން ނިންމާލެއްވީ ދެން އޮތް އަޑުއެހުމެއްގައި ވެސް ދެ ފަރާތުން ހުށަހަޅަން އޮތް ކަންކަމާ މެދު އިތުރަށް ކަންކަން ސާފު ކުރަން އަޑުއެހުމެއް ބާއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އިއުލާން ކުރެއްވުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާޒިމާ

    ފުންނާބު އުސް ގާނޫނީ ވަ ކީލު ކުއްޓި ނަޝީދުވެސް ބޭނުންމި ކުރަނީ ބްރޯ އަދީބުގެ ލޯޔަރު ދޯ!