ދިވެހި ދެމަފިރިއަކު އެމީހުންގެ ކައިވެނީގެ އުފަލުގައި ކައިވެނީގެ ވަލީމާ ފަލަސްތީންގައި ހާލުގައި ޖެހިފައިވާ ކުދިންނަށް ޞަދަޤާތް ކޮށްފިއެވެ.
ފަލަސްތީނާއި އަދި ދުނިޔޭގެ އެތައް ގައުމެއްގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން މެދުވެރިކޮށް ދިވެހި ދެމަފިރިން ފަލަސްތީން ކުދިންނަށް ވަލީމާ ދިން ފޮޓޯތައް އެޖަމިއްޔާ އިން ވަނީ ފޭސްބުކްގައި އާއްމު ކޮށްފައެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ބުނީ ފޮޓޯތަކުގައި މިވަނީ ދެ ދިވެއްސެއްގެ ކައިވެނީގެ އުފަލުގައި އެދެމަފިރިން ކޮށްފައިވާ ޞަދަޤާތުގެ މަންޒަރުތަކެއް ކަމަށެވެ. "މާތްﷲ މިދެމަފިރިންގެ ކައިވެނީގައި އަދި މުދަލުގައި ބަރަކާތް ލައްވާ، އުފާވެރިކަމާއި އުޖާލާކަން މިންވަރުކުރައްވާށީ! އާމީން." ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވެއެވެ.
ޞަދަޤާތް ކުރި ދެމަފިރިންގެ އެއްވެސް މައުލޫމާތެއް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ހާމަކޮށްފައެއް ނުވެއެވެ.
ކައިވެންޏެއް ކުރެވޭހިނދު ވަލީމާދިނުމާއި، ނިކަމެތީންނާއި މިސްކީނުން މަތިން ހަނދުމަކޮށް އެމީހުންނަން އެހީތެރިވުމަކީ ކައިވެނީގައި ބަރަކާތްލެއްވިގެންދާނެ ކަމެކެވެ.
ދިވެހި ދެމަފިރިން ފަލަސްތީން ކުދިންނަށް ޞަދަޤާތް ކުރުމުން ގިނަ ބަޔަކު ވަނީ ފޭސްބުކްގައި އެކަން ފާހަކޮށް ދިވެހި ދެމަފިރިންނަށް ހެޔޮ ދުއާ ކޮށްފައެވެ.
މީގެ ދެމަސް ކުރިން އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމުން ވެސް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޣައްޒާއަށް އެހީގެ ތަކެތި ފޮނުވާފައެވެ.
އިސްރާއީލްގެ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީންގެ ގިނަ ރައްޔިތުންނަށް ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތައް ފުއްދަން ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ފަލަސްތީނަކީ ރެފިއުޖީންގެ އަދަދު ވެސް އެންމެ ގިނަ އެއް ގައުމެވެ. ފަލަސްތީންގައި 5.6 މިލިއަނަށް ވުރެ ގިނަ ރެފިއުޖީން އެބަތިއްބެވެ.
ވަރަށް ފުރިހަމަ. ތިބާގެ ކައިވެނީގައި ބަރަކާތް ލައްވާށި އާމީން.
އާމީން!
ތި ކައިވެނީގައި ބަރަކާތް ލައްވައި ހެޔޮލަފާ ސާލިހު ދަރިން ދެއްވާށި ދިރިުޅުން ފާގަތި ކުރައްވާށި.