އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެފިއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ އަލީ ވަހީދަށް ދީ، ޕާސްޕޯޓް ދޫކޮށްލީ، އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

އަޑޭގެ އެއްބަސްވުން މިދިޔަ މަހު ނުވަޔަކަށް ހަމަވެފައިވާއިރު ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި އަލީ ވަހީދު ބައިވެރިވެވަޑައިގަތީ އޮންލައިންކޮށެވެ. ކްރިމިނަލް ކޯޓުން މި ހުއްދަ ދިނީ އަލީ ވަހީދުގެ ސިއްޚި ހާލަތު ލިޔެކިއުންތަކަށް ރިއާޔަތްކޮށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ބައިވެރިވާ ގޮތަށެވެ.

މިއީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫނެވެ.

އެހެން ވިޔަސް ދައުލަތުން އުފެއްދެވި ސުވާލުތަކުގެ ޖަވާބުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެފައިވަނީ އެ ކަމަށް ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމަށާއި އެ ކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށެވެ.

ގާޒީ ހަސަން ސައީދުގެ ނިންމެވުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ދައުލަތުން ހުށަހެޅީ މިދިޔަ ހަފްތާއެވެ.

ޕީޖީން އިތުރަށް ވިދާޅުވި ގޮތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުމަށް ހަދާފައިވާ ގަވާއިދުގައިވާ އެއްވެސް ހާލަތަށް އަލީ ވަހީދުގެ މައްސަލަ ނުފެތެއެވެ. އަދި ޕީޖީން ވަނީ ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދުގެ އެކި ނިންމުންތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް އަލީ ވަހީދު ހުށަހެޅީ ވެސް ޝަރީއަތުން ދިން މުއްދަތު ފަހަނައަޅައިދިޔަ ފަހުން ކަމާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ މުއްދަތު ހަމަވި ފަހުން ޝަރީއަތުގައި ހުށަހަޅާ ކަންކަން ހުށަހަޅަން ވެސް އިތުރު ފަސް ދުވަސް ދީފައިވާ ކަންވެސް ޕީޖީއިން ވަނީ ފާހަގަކުރައްވާފައެވެ.

އަދި ރާއްޖޭން ބޭރަށް ދިއުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން އިރު ކޯޓަށް ހުށަހެޅި ކަމަށް ބުނާ ސިއްޚީ ލިޔެކިއުންތަކާއި ރާއްޖޭން ބޭރުގައި އޮންލައިންކޮށް ބައިވެރިވުމަށް އެދި ހުށަހެޅި ލިޔެކިއުންތައް ދޭން ޕީޖީ އޮފީހުން އެދިފައި ވީނަމަވެސް މިހާތަނަށް ވެސް ކޯޓުން އެ ލިޔެކިޔުންތައް ހުށަހަޅާފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އަލީ ވަޙީދު ވީމާ އޮންލައިންކޮށް މަތިމަތިން އޯގާތެރިކޮށް
    ރިހާކުރުފުޅު ވަގަށްނެގި ސޮރު ވިއްޔާ އިންޓަޕޯލް ނޯޓިސްނެރެ ހައްޔަރުކޮށްގެން ރާއްޖެގެންނަން
    މިއީ އެމްޑީޕީ އެބުނާ ފަނޑިޔާރުގެ މިނިވަންވުމަކީ