ތަށިމުށި ކަފަން ބޭނުން ކުރާ ގްރެންޑަރެއްގެ ބުރު ފަޅައިގެން ގޮސް މީހެއްގެ ކަރުގައި ޖެހި ޒަހަމްތަކެއް ވެއްޖެއެވެ.

ށ. ކަނޑިތީމުގައި ރޭގެ ވަގުތެއްގައި ހިނގާދިޔަ މި ހާދިސާގައި ޒަހަމްތަކެއް ވެފައިވަނީ އުމުރުން 47 އަހަރުގެ ފިރިހެނަކަށެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެރަށު މީހަކު ބުނީ، އެ ހާދިސާ ހިނގާފައިވަނީ ކަރަންޓީނުގައި ހުރި ގެއެއްގައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެ މަސައްކަތުގައި އޭނާ އުޅެނިކޮށް، ގްރޭންޑަރުގެ ތިލައިން ބައެއް ނައްޓައިގެން ގޮސް އޭނާގެ ކަރަށް ވަނީ ކަމަށް އެމީހާ ބުންޏެވެ.

"ކަރުގައި ހުންނަ ނޭވާ ހޮޅިއަށް އަމާޒުވެފައި ހުރީ، އެތަނުގައި ބުރުގެ ބައިން ޖެހި ކަފައިގެން ދިޔައީ" އޭނާ ބުންޏެވެ.

އޭނާ ބުނީ، އެމީހާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭގެ ފަހުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބަހެއް ލިބިފައެއް ނުވެއެވެ.