ކުޑަ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެ، ށ. ކަނޑިތީމު ބަންދުކޮށްފިއެވެ.

ކަނޑިތީމުގެ ރައީސް އަހުމަދު އަހުސަން "ވަގުތު" އަށް ވިދާޅުވީ، އެކުއްޖާ ފައްސިވެފައިވަނީ ރޯގާގެ އަލާމާތްތައް ހުރެގެން މީގެ ދުވަސް ކޮޅެއް ކުރިން ފްލޫ ކްލިނިކަށް ދެއްކައި ނެގި ސުންކުން އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ކުއްޖާ ފައްސިވުމާއި ގުޅިގެން މިވަގުތު ގާތުން އެއްތާވި މީހުންގެ ސުންކު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 50 އަށްވުރެ ގިނަ މީހުންގެ ސުންކު ނަގާފައިވާ ކަމަށް އަހުސަން ވަނީ ވިދާޅުވެފައެވެ.

"ސުންކު ނެގި ގިނަ މީހުންގެ އެބަ ހުރި އަލާމާތްތައް. މާދަމާ ހެނދުމަށް ޓެސްޓް ކުރަން ފޮނުވާލެވޭނެ ކަމަށް މި ބަލަނީ" އަހުސަން ވިދާޅުވިއެވެ.

ކޮވިޑް-19ގެ ވޭދަނައެއް ކަނޑިތީމުން ފެނުމާއި ގުޅިގެން މިވަގުތު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މީގެ ކުރިން މޭއި މަހުގެ ތެރޭގައި ވެސް ެއެރަށުން ބަޔަކު ކޮވިޑަށް ފައްސިވެ ވަނީ ރަށް ބަންދު ކޮށްފައެވެ. އޭރު ބަލިން އެންމެން ފަސޭހަވުމާއި ގުޅިގެން އެރަށް ހުޅުވާލީ ޖޫން މަހުގެ ތެރޭގައެވެ.

ރާއްޖެއިން މިހާތަނަށް 80،539 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 103 މީހުންނަކީ ފާއިތުވި 24 ގަޑިއިރު ފައްސިވެފައިވާ މީހުންނެވެ. މިހާތަނަށް ފައްސިވެފައިވާ މީހުންގެ ތެރެއިން 78،694 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

ރާއްޖޭން މިހާތަނަށް 4،721 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 11 މީހަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. އަދި މިހާތަނަށް މި ބަލި ޖެހިގެން 226 މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ.