ރިޔާސީ އިންތިހާބުގެ ކެމްޕެއިން އަށް ރައީސް އަބްދުﷲ ޔާމީން އަތޮޅުތެރެއަށް ވަޑައިގަންނަވަނެ ކަމަށް ވެރިކަންކުރާ ޕީޕީއެމް އިން ބުނެފިއެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ ރޯދަމަސް ނިމިފައިވުމާއެކު ރައީސް ޔާމީން އަތޮޅުތެރެއަށް ކެމްޕެއިން ދަތުރުތައް ފައްޓަވަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.
ކެމްޕެއިން ހަރަކާތްތަކާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އަންނަ ހަފްތާގެ ތެރޭގައި ކެމްޕެއިން ޓީމުތަށް އަތޮޅުތެރެއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
" މިހާރުވެސް އަޅުގަނޑުމެންގެ ބައެއް ޓީމުތަށް ދަނީ އަތޮޅުތެރޭގައި ހަރަކާތްތެރިވަމުން. އިންތިހާބާއި ދިމާކޮށް ގިނަ ހަރަކާތް ތަކެއް ހިންގަން ވަނީ ރޭވިފައި. އެގޮތުން އިންތިހާބުގެ ކުރިން ބޮޑެތި ރެލީތަކެއް ބާއްވަން މިދަނީ ތައްޔާރުވަމުން " އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ތާއީދު ހޯދުމަށް "ގޯއްޗަަށް" މި ނަމުގައި ރައީސް ޔާމީނުގެ އަނބިކަނބަލުންގެ އިސްނެންގެވުމާއެކީ 2000 އަށް ވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވާ ޑޯޓު ޑޯ ހަރަކާތެއް މާލޭގައި މިހާރުވެސް ދަނީ ހިންގަމުންނެވެ.
މާލޭގައި ކުރިއަށް ގެންދާ މި ހަރަކާތް މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ އިރު މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިނގިލީގެ ގެތަކަށް ޒިޔާރަތް ކޮށް ރައީސް ޔާމީނަށް ތާއިދު ހޯދުމަށް ކެމްޕޭން ކުރިއަށްދާނެ އެވެ.
ގޯއްޗަށް ކެމްޕޭނުގައި ސަރުކާރުގެ ވަޒިރުންނާއި ޕީޕީއެމްގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ އެވެ. އަދި މި ކެމްޕޭނުގެ ތެރެއިން މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނާވެސް ބައްދަލުކުރާނެ ކަމަށް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ބުނެ އެވެ.
ޔާމީންއެއް ނާންނާނެ.. ފޮޓޯއެއް ހިފާގެން ބަޔަކު ރަށްތަކަށް އަރާފާނެ..