އައްޑޫ ސިޓީގެ ކެފޭ، ރެސްޓޯރެންޓްތަކުގައި އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދެވޭ ގޮތަށް ލުއިތައް ދީފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ މާދަމާ އިން ފެށިގެން ހެނދުނު 8 އިން ހަވީރު 18:00 އާއި ހަމައަށް ހޮޓާތަކާއި، ރެސްޓޯރެންޓްތަކުގެ އިތުރުން ކާބޯތަކެތި ވިއްކާ ތަންތަނުގެ އެތެރޭގައި ތިބިގެން ހިދުމަތް ދެވޭނެ ކަމަށެވެ.

މީގެއިތުރުން ހަވީރު 15:00 އިން ހަވީރު 18:00 އާއި ހަމައަށް ކުޅިވަރު ކުޅޭ މައިދާންތައް ހުޅުވުމަށް ވެސް ވަނީ ހުއްދަ ދީފައެވެ. އަދި ސެލޫންތަކާއި، ބޯކޮށާ ތަންތަން ވެސް އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް ހެނދުނު 8 އިން ހަވީރު 18:00 އާއި ހަމައަށް ހުޅުވުމަށް ވަނީ ހުއްދަ ދީފައެވެ.

އައްޑޫގައި މިހާރު ކޮވިޑް ވޭދަނަތައް ފެންނަމުން ދަނީ ހިތަދޫންނެވެ. ހިތަދޫން މިއަދު ކޮވިޑަށް ފައްސިވީ އެންމެ މީހެކެވެ.