އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅިވަޑައިގެންފި ނަމަ ދެ ލީޑަރުންނަށް ވެސް ރައްޔިތުންގެ އިތުބާރު ގެއްލިގެން ދާނެ ކަމަށް ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕުން ހާމަކޮށްފިއެވެ.

ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރައްވަން ނަޝީދު އިއްޔެ ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އޭގެ ކުރިން މިދިޔަ ހަފްތާގައި ވެސް ނަޝީދު ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ޔާމީނާއި ޕީޕީއެމްގެ ތާއީދު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އެ ކަމާ އަމާޒުވަމުން ދާއިރު، އެ ސުވާލުގެ ޖަވާބުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީއާއެކު މަސައްކަތް ނުކުރާނެ ކަމަށެވެ.

އޭގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ޝިޔާމް ފާހަގަކުރެއްވީ ނަޝީދު އާއި ޔާމީންގެ ސިޔާސީ ފިކުރު "އުނޑާއި ބިމާހާ" ތަފާތު ކަމަށެވެ.

ދެން ކުރިއަށް އޮތް ތަނުގައި ޔާމީންއާއި ނަޝީދު ގުޅިއްޖެނަމަ އެއިން އެއްވެސް ލީޑަރަކަށް ރައްޔިތުން ދެން އިތުބާރު ނުކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންވެ ގުޅެން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީންއާއި ރައީސް ނަޝީދު އެއް ގަލަކަށް އަރައިފިނަމަ ރައްޔިތުން ސިޔާސީ ވެރިންނަށް ކުރާ އިތުބާރު ގެއްލޭނެ، އިތުބާރު ކުރަން ޖެހޭ ސަބަބެއްވެސް ނޯންނާނެ،" ޝިޔާމް ވިދާޅުވިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ އެމްޑީޕީ އާއި ޕީޕީއެމް ކޯލިޝަން ވުމަށް ހުށަހަޅުއްވައިފައެވެ. އަދި އެ ކަމަށް ތިން ޝަރުތެއް ދެއްވައިފައެވެ. އެއީ އިންޑިއާ އައުޓް ނުގޮވުމާއި، ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާ ބިލަށް ތާއީދު ކުރުމާއި ދީނަށް ފުރައްސާރަ ކުރުމަށް ތާއީދު ނުކުރުމެވެ.

ޝިޔާމް ވިދާޅުވީ ރައީސް ނަޝީދުގެ ސިޔާސަތުތަކާއި ރައީސް ޔާމީންގެ ސިޔާސަތުތަކަކީ ވަރަށް ތަފާތު ސިޔާސަތުތައް ކަމަށެވެ. ސިޔާސަތުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި އެހެންކަމުން އެ ހުށަހެޅުންތަކަށް ތާއީދު ކުރާނެ ގޮތެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

މިހާރު ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، އަދި އެތައް ދައުވާއަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަން ނަޝީދު އިއްޔެ ވަނީ އިއުލާން ކުރައްވާފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންވާ ކަން ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަބްދުﷲ

  ސިޔާސީ މީހުން އެކަކު ފަހަތައް އަނެކަކު އަރާތޯ ބަލާކައް ނުތިބެވޭނެ. އެއްބަޔަކު ވެރިކަމައް އަރައިފިއްޔަ އަނެއް ބަޔަކު ތިބެންޖެހެނީ އިދިކޮޅު ވެގެން ސަރުކާރައް ޖެއްސުން ކުރަން. ކުރިން ވެރިކަން ކުރި ހުރިހާބޭފުޅުންވެސް ގައުމައް، ރައްޔިތުންނައް ހިދުމަތް ކުރުމުގެ ނިޔަތުގަ ވެރިކަން ކުރީ. އެކަމު އިދިކޮޅޭ ކިޔައިގެން ތިބޭ ބަޔަކު ކުރަނީ ކޮންމެ ސަރުކާރަކައް ޖެއްސުން. ސަރުކާރައް ކަމެއް ގޯސްކޮއް ކުރެވެންޔާ އެކަމެއް ރަގަޅު ކުރަން ސަރުކާރާއެކު މަސައްކަތް ކޮއްބަލަ.

  3
  6
 2. ޢބދ

  މުސާރަދިނީމަ ޗެނެލައް އަރާ އެއްޗެހިކިޔާބަެއް އަނެއްކާވެސް މުސާރަދިނީމަ ދެމީހުންގެ މޮޅުވާހަކަ ދައްކާނެ.

 3. ތުއްޓެ

  ބަލަ ޔާމީނަކީ ރައްޔިތުންގެ އިތުބާރެއް އޮތް މީހެއްތަ؟ ރައްޔިތުންގެ ޚަޒާނާ ދަވާލި މައްސަލައިގައި ރައްޔިތުން ނުކުމެ ވޯޓުން ތަޅައި ބޭރު ކޮށްފަ ހުރި މީހެއް. އަދި ރައްޔިތުންގެ ތިޛުރީން ފައިސާ ނަގައިގެން އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ހުކުމް ކޮށް ޖަލަށް ލާފައި ހުރި މީހެއް. ދެން ކޮން އިތުބާރެއް؟

  3
  21
  • Anonymous

   ތިހާ ބާރަށް އިސްލާމްދީނުގެ ދިފާޢުގަ ކޮމެންޓެއް ކޮށްލަބަލަ. ނުކެރޭނެ. ހުސް ލާދީނީ ރީނދޫ ބޮޓުން ވިއްޔާ.ނޫޅެން ކަލޭމެންނަށް ކާނުގުޅެވިގެނެއް.ދެން ލަލަލާ

   12
 4. ަަަަަަަަަައަބުދު

  މިމީހުންނަށް ހީވެފަ އޮންނަނީ ރައްޔިތުންނަކީ ހިލަކަހަލަ އެއްވެސް އެއްޗެއް އިހުސާސް ނުވާ ނުވިސްނޭ ބައެއްކަމުގަ މިމީހުންނަށް
  އިތުބާރާއި އިހުތިރާމާ ގަދަރކުރަން . ﷲ އިރާދަ ކުރެއްވިއްޔާ އަންނަ އިންތިޚާބުގަ ތި ދެ ގުރޫޕް ބާކީ ކޮއްފަ ދިވެހިރާއްޖެ އަޚުލާގާއި އިންސާފާއި އޮތް ކަރެޕްސަން ނެތް އަބުރުވެރި ސަލާންޖެހުން ނެތް މިސްރާބަކަށް ދަތުރުފަށާނެ.

  1
  4
 5. ޙހހހ

  ސަރުކާރަށް ނުބެލިގެން އެއްލާލި މީހެއް މީ ، މީނައަށް އަޅާލާނެ ކަމެއްނެތް