މާލޭ މަގުމަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން ނުދުއްވާ ގިނަ ދުވަސްތަކެއް ވަންދެން އުކާލާފައި ހުންނަ އުޅަނދުތައް މަގުމަތިން ނެގުމުގެ އޮޕަރޭޝަން މިއަދު ފަށައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި މި އޮޕަރޭޝަން ފެށިކަން ހާމަކުރައްވަމުން ވިދާޅުވީ މި އޮޕަރޭޝަނަކީ ފުލުހުންނާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

"މާލެ ތެރޭގައި އުކާލާފައި، ބޭނުން ނުކުރެވޭ ހާލަތުގައި ހުރި ވެހިކަލްތައް ނެގުމުގެ ޚާއްސަ އޮޕަރޭޝަނެއް ފުލުހުންނާއި މާލެ ސިޓީ ކައުންސިލް ގުޅިުގެން މިއަދު ވަނީ ފެށިފައި،" މުއިއްޒު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ މި ގޮތަށް ބަހަައްޓާފައި ހުރި އުޅަނދުތައް އެ އުޅަނދުތަކުގެ ވެރި ފަރާތުން އިސްވެ ނަގައިގެން ސާފު ކުރަން އެދިފައެވެ. އެ ގޮތަށް ނުނަގާނަމަ ސިޓީ ކައުންސިލުން ފުލުހުންނާ ގުޅިގެން އެ ތަކެތި ނަގައި ނައްތާލާނެ ކަމާއި، އެއިން ލިބޭ ގެއްލުމުގެ ޒިންމާ ކައުންސިލުން ނުނަގާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މާލެ ސިޓީގެ މޭޔަރު މުއިއްޒު "ވަގުތު" އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވިދާޅުވެފައިވާ ގޮތުގައި މި އޮޕަރޭޝަނަށް ފަހު މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައެޅިގެންދާނެއެވެ. އެކަމަށް އިތުރަށް ބޭނުންވާ މައުލޫމާތުތައް ކައުންސިލާ ޚިއްސާކުރަން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލޭގެ މަގުމަތީގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރޭގައި މި ގޮތަށް ބޭނުން ނުކޮށް ދުވަސްވެ ހަލާކުވެގެން ގޮސް އުކާލާފައި ހުންނަ އުޅަނދުތައް ވަރަށް ގިނައެވެ. މިފަދަ އުޅަނދުތައް ފާހަގަކޮށް އެ ތަކެތި ނެގުމަކީ މާލެ ސިޓީއަށް ކުރިމަތިވެފައިވާ ޕާކިން މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ އެއް ފެށުމެވެ.

މީގެ އިތުރުން މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ޕާކް ކުރާނެ އިމާރާތްތައް އެޅުމާއި، މީޓަރު ޕާކިން ސިސްޓަމްތަކެއް ހަރު ކުރުމަކީ ވެސް މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ހިމެނޭ ކަމެކެވެ. މި ކަން ކުރުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދަން މާލޭގެ ކޮންމެ އަވަށެއްގެ ރައްޔިތުންނާ ވަކިން ބައްދަލުކުރަން ސިޓީ ކައުންސިލުން ނިންމާއި އޭގެ ތާރީޚާއި ގަޑިތައް ވަނީ އިއުލާންކޮށްފައެވެ.