އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ އުފުލުން ލަސްވަނީ ތަހުގީގީ އިދާރާތަކުން ބޭނުންވާ ލިޔެކިޔުންތައް އަދިވެސް ހަމަނުވާތީ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ދައުވާ، މަހްލޫފަށް ކޮށްދޭން އޭސީސީން ޕީޖީއަށް ފޮނުވާފައި އޮންނަތަ ދެ މަހެއްހާ ދުވަސްވެއްޖެއެވެ. ދައުވާކުރަން ފޮނުވަން ލަސްވާ ސަބަބު ހޯދާލަން ގުޅާލުމުން ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވީ ދައުވާއާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް އެއްކުރުމުގެ މަސައްކަތް ތަހުގީގީ އިދާރާތަކާއި ގުޅިގެން ކުރިއަށްދާ ކަމަށެވެ.

ޕީޖީ އޮފީހަށް ހުށަހެޅޭ މައްސަލަތަކަށް އެވަރޭޖްކޮށް ހަ ދުވަހުގެ ތެރޭގައި ގޮތެއް ނިންމާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެެ. ޝަފީއު ވިދާޅުވީ މަހްލޫފްގެ މައްސަލަ އަކީ އެމްއެމްޕީއާރްސީގެ ތެރެއިން ނިކުތް ބޮޑު މައްސަލައަކަށްވާތީވެ އެވަރޭޖް މައްސަލައަކަށް ނިންމަން ނަގާ ދުވަސްތަކަށްވުރެ ދިގުލައިގެން ދިޔުން އެކަށީގެންވާ ކަމަށެވެ. އަދި މަހްލޫފް ހައްޔަރުކޮށްފައި ނުވާތީވެ ޖިނާއި އިޖުރާތުގައި އޮންނަ ދަޢުވާކުރުމުގެ މުއްދަތުތައް މި މައްސަލައިގައި ނުހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަހްލޫފަށް ވީތިވެ ޕީޖީ އޮފީހުން ވަކި ގޮތަކަށް އަމަލުކޮށްފައިނުވާނެ ކަމަށް ޝަފީއު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނުނިމި ދެ މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިއުމާ ގުޅިގެން އޭނާ ގެންދަވީ ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓްތައް ކުރައްވަމުންނެވެ. ދައުވާ ކުރިޔަސް އަދި ނުކުރިޔަސް ގޮތެއް ނުނިމި ލަސްވަމުންދާތީވެ އެ ކަން އަވަސް ކޮށްދޭން މަހްލޫފް އެދިވަޑައިގަތެވެ. މަހްލޫފް ގެންދަވަނީ ޕީޖީއަށް ބޮޑެތި ތުހުމަތުތަކެއްވެސް ކުރައްވަމުންނެވެ. އެ ހުރިހާ ތުހުމަތުތަކެއްވެސް ޕީޖީ އޮފީހުން ދޮގުކުރެއެވެ.

މަހްލޫފްގެ ދިފާއުގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޕީޖީ އަމަލު ކުރަމުން ގެންދާ ގޮތާ މެދު ފާޑު ވިދާޅުވެ ޓްވީޓް ކުރައްވައިފައެވެ. އަދި މަހްލޫފްގެ ދިފާއުގައި މި މެންބަރުން ވާހަކަ ދެއްކެވިއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ އުފުލައިފިނަމަ ޔޫތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ މީގެ ކުރިން ވިދާޅުވެފައި ވެއެވެ. ނަމަވެސް ފަހުން މަހްލޫފް ވަނީ އެ ވިސްނުން ދޫކޮށްލައްވައިފައެވެ. މަހްލޫފް ވިދާޅުވީ އިސްތިއުފާ ދެއްވަން ނުވިސްނަވާ ކަމަށާއި މައްސަލަ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ އިރު، މިއީ ސީދާ ޒާތީ ކަމެއް ކަމަށެވެ.

މަހްލޫފް ވިދާޅުވީ އޭނާގެ މިވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ރަސްމީކޮށް ދަންނަވާނެ ކަމަށެވެ.

ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތު

އޭންޓި ކޮރަޕްޝަންގެ ބަޔާނުގައިވާ ގޮތުން މަހްލޫފްގެ މައްޗަށް ކުރާ އެއް ދައުވާއަކީ ރިޝްވަތު ނެގި ކަމުގެ ކުށުގެ ދައުވާއެވެ.

އެއީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.

މި ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ޚިޔާނާތުގެ ފައިސާ ކަމުގައެވެ. އެކަމަކު، އެ ދުވަސްވަރު އޭނާ ހުންނެވީ ޕީޕީއެމްގައެވެ. އަދި އެ ބިލް ފާސް ކުރަން އޭރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ވެސް ނެރުނެވެ.

ނަމަވެސް އޭސީސީން ބުނި ގޮތުގައި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

މަހްލޫފްގެ މައްޗަށް އޮޅުވާލައިގެން ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތު ވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަބަރޭ

    އުންސުރު ނެތީތޯ ؟ ތިޔާކަންނިމިގެން ދާނީ ހުދުކާފޫރަށް ވެގެން
    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  2. ހުސޭނުބޭ

    އުންސަރު ބާނާ ބުޅިއެއް ވިއްކަން! ޕީޖީއަށް ވިއްޔާ ޑިސްކައުންޓް ދޭނަން