އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި މުދައްރިސުންގެ މުސާރައާއި އިނާޔަތްތައް ބޮޑު ކުރަން ހިމަނާނެ ކަމަށާއި، އެއަށްފަހު ދެން ބޮޑު ކުރާނީ ސިއްހީ ހިދުމަތްތެރިންގެ މުސާރަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެންމެ ފުރަތަމަ ހެދި ދިރާސާއަކީ ހުރިހާ ދާއިރާއެއްގައި އެއްކަހަަލަ މަގާމުތަކެއް އަދާ މީހުންގެ މުސާރަތައް ހަމަކުރުމުގެ މަސައްކަތް ކަމަށެވެ. އޭގެ އަލީގައި ފުރަތަމަ މުސާރަ ބޮޑު ކުރުމަށް ނިންމާފައި ވަނީ ޓީޗަރުންގެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ރަށް ނޫން ރަށެއްގައި މަސައްކަތް ކުރާ ޓީޗަރުންނަށް އިތުރު އެލަވެންސެއް ދޭން ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ޓީޗަރުންގެ މުސާރަ ބޮޑުކުރާ އިންސައްތައެއް ރައީސް ހާމައެއް ނުކުރައްވައެވެ. ރައީސް ވިދާޅުވީ، މުޅިން ނިމުމުން އެކަން ހާމަކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ޓީޗަރުންގެ މުސާރަތައް ބޮޑު ކުރުމަށްފަހު، އަމާޒަކީ ސިއްހީ ދާއިރާގެ މުސާރަތައް ބޮޑު ކުރުން ކަމަށެވެ.

"ފުރަތަމަ އެޑިއުކޭޝަން ދެން، ހެލްތް، އެގޮތަށް އަޅުގަނޑުމެން ގެންދާނީ"/ ރައީސް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތްތެރިންގެ މުސާރަތައް ބޮޑު ކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ކޮވިޑް-19އާ ގުޅިގެން އެންމެ ބުރަކޮށް، މަސައްކަތް ކުރި ފަރާތްތަކުގެ ތެރޭގައި ސިއްހީ ހިދުމަތްތެރިން ހިމެނެއެވެ. ރާއްޖޭގައި ކޮވިޑުން އަރައިގަތުމަށް ސިއްހީ ހިދުމަތްތެރިން ކުރަމުންދާ މަސައްކަތްތަކީ އަގު ނުކުރެވޭނެ ވަރުގެ މަސައްކަތްތަކެއް އަބަދުވެސް އެންމެން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮވިޑް

    މުސާރަ ބޮޑު ކޮށްފަ ބުނެބަލަ މިހާރު ވަނީ މުސާރަ ބޮޑު ކޮށްފައޭ. ތި ނަނާ ހުވަފެން ބަލަން މިހާރު ދިވެހިން ފޫހިވެއްޖެ ރައީސް.

    12
  2. މަސްއޫދު

    ސަރުކާރު ހޯދަންވީ ވައުދުތަކުގެ މަތިން މިހާރު ހަދާންނެތުނީތޯ؟ތިޔަހުރިހާ ވާހަކަތަކަކީ 2023ގެ އިންތިޚާބު ކާމިޔާބު ކުރުމަށް ދައްކާ ވާހަކަ މިރާއްޖޭގެ ރައްޔިތުން ދެން އިބުހިމް ދައްކާ ވާހަކަ ގަބޫލު ނުކުރާނެ! މިހާރު ތިޔަހުރި ފޭލުވެފައި! އެހެންނޫނަސް ދައުލަތުގެ މާލިއްގައި ހުރިއްޔާހުރި ފައިސާއެއް ދެތިން ވަގުންވެގެން ކައިހުސްކޮށްފި! މިހާރު ދައުލަތައް ލިބޭ އެއްޗަކަށްވުރެ ސަރުކާރުގެ ޚަރަދު އެތައްގުނައެއްބޮޑު! ދެން މުސާރަ ބޮޑުކުރީނީ އިންޑިޔާއިން ލޯނުނަގައިގެންތޯ؟

  3. ދާއިން

    ޓީޗަރުންގެ އެކަނި މުސާރަ ބޮޑު ކުރުމަކީ އެއް ގޮތަކަށް ވެސް އިންސާފްވެރި ކަމެއް ނޫން.. ސްކޫލްތަކުގަ މަސެއްކަތް ކުރާ އެހެން ސްޓާފުންގެ މުސާރަ ވެސް ބޮޑުކުރަން ޖެހޭ.... ލައިބްރޭރިއަނުން ލެބްޓެކްނީޝަނުން ގެ މުސާރަ ވެސް ބޮޑުކުރަން ޖެހޭ.... ޑިގްރީ ހަދައިގެން މި މަސެއްކަތް ކުރަނީ... އެކަމަކު މަހު މުސާރަޔަކީ އެންމެ 8000 ރުފިޔާ.... ކިޔެވުމުގެ ބޭނުމެއް ނެތް... ކިޔަވައިގެން ސްކޫލަށް ވަންނާނެ ކަމެއް ނެތް ޓީޗަރުން ނޫން މަގާމަކަށް....

    • ކުން

      ބޭފުޅާ ޑިގްރީ ހަދައިގެން ތިބި ޓީޗަރުންގެ މުސާރައަކީ
      -/8400ރ މަސްޓަރސް ހަދާފަ ޓީޗަރުންގެ މުސާރައަކީ
      -9000ރ

  4. ބޮޑުގަމާރު

    ޞިއްހީ ޚިދުމަތްތެރިން އެކަނިތޯ..ކޮބައިތޯ އެދާއިރާގެ އެހެން މުވައްޒަފުން...ޑރ އާއި ނަރުހާ ދެމީހުން ތިބީމަ ހުރިކަމެއް ވޭތޯ

  5. އާލާ

    ކޮބާތޯ ސިވިލް ސަރވިސް މީހުންގެ މުސާރަ؟

  6. ސުމާ

    މިހާރު ކުޑަތަ ސިއްޚީ ޚިދުމަތްތެރިންގެމުސާރަ.ސިވިލްސާވިސް ދެންތިބި މީހުންގެ މުސާރަ ކޮބާ؟ވޯޓް ހޯދަން ތިކަހަލަ ސްޓަންޓް ޖައްސާނެކަމެއްނެތް.ޓީޗަރުންނާއި ސިއްޚީޚިދުމްތްތެރިންގެ ވޯޓް އިން ވެރިކަމަށް އާދެވެންޏާ އަންނަންވީ.