ކޮވިޑް-19 ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ އަށް ސިއްހީ އިދާރާތަކުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށް ފުލުހުންގެ އިދާރާއިން ކުރި ތަހުގީގުގެ ބޮޑު ބައެއް ނިމިއްޖެއެވެ.
ފުލުހުންގެ އޮފިޝަލެއް "ވަގުތު" އަށް ވިދާޅުވީ މި މައްސަލައާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީ އިން ތައްޔާރުކޮށްފައިވާ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެ ރިޕޯޓުގައިވާކަން ކަން އިތުރަށް ތަހުގީގު ކުރުމަށްފަހު މިޝްކާއަށް އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ދައުވާ ކޮށްދިނުމަށް ޕީޖީގައި ވަރަށް އަވަހަށް އެދޭނެ ކަމަށެވެ.
ނަމަވެސް ތަހުގީގު ފުރިހަމަ ކުރުމަށްފަހު އިހުމާލުވާ ފަރާތްތަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވޭނެ ތާރީހެއް އަދި ދަންނަވަން ނޭނގޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައިގައި މިޝްކާގެ އާއިލާގެ ފަރާތުން ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ކުރީގެ ރައީސް އަހްމަދު ޝިފާއުއެވެ. އޭނާ "ވަގުތު" އާއި ވާހަކަދައްކަވަމުން ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ނިމުމަކާއި ހަމައަށް އައިސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޕީޖީއާއި ގުޅިގެން މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެންމެ ފަހުން ލިބުނު މައުލޫމާތަކީ ތަހުގީގު ގާތްގަނޑަކަށް ނިމި މައްސަލާގައި ކުރިއަށް ދާނެ ގޮތުގެ ލަފައަކަށް ފުލުހުން ޕީޖީގައި އެދުނުކަން. އުންމީދު ކުރަނީ ފުލުހުންގެ ތަހުގީގު ނިމި މިޝްކާއަށް އިހުމާލުވި ފަރާތްތަކަށް ދައުވާ ކޮށްދޭން ޕީޖީއަށް ފޮނުވާނެ ކަމަށް" ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ މި މައްސަލާގައި އިތުރަށް ކުރިއަށް ދެވޭނެ ގޮތެއް އިނގޭނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށެވެ.
ކޮވިޑް-19 ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާގެ އަށް ފަރުވާ ދިނުމުގައި ލަސްތަކެއްވެ، އިހުމާލުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަހުގީގު ރިޕޯޓުން އެނގޭ އިރު، އެ ތަހުގީގު ކުރީ މިޝްކާ އަށް ފަރުވާ ދިނުމުގައި އިހުމާލްވެފައިވާ ކަމަށް އާއިލާ އިން ތުހުމަތުކޮށްފައި ވަނިކޮށެވެ.
އާއިލާ އިން ބުނި ގޮތުގައި މިޝްކާ ކުއްލިއަކަށް ހާލު ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރު ފަހުންނެވެ. އެގޮތުން މިދިޔަ މެއި 31 ވަނަ ދުވަހުގެ ރޭ މިޝްކާ އައިޖީއެމްއެޗަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާދޭން ފެށިއެވެ. ނަމަވެސް ފަރުވާ ދިނުމުގައި ލަސްތަކެއް ވެފައިވާތީ، މިޝްކާ ވަނީ ޖޫން މަހުގެ އެއް ވަނަ ދުވަހުގެރޭ ނިޔާވެފައެވެ.
މިޝްކާގެ މަރުގައި އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލެންސް ފޮނުވީ ދެ ގަޑިއިރު ފަހުންނެވެ؟؟؟؟!!!!! ހަމަ ގައިމުވެސް އަހަރެންގެ ދަރި އެވޭނުގަ އުޅޭތަން ބަލަ އެންބިއުލާން ނަޔަސް 2 ގަޑި އިރުވަންދެން ނުހުންނާނަން ފިރުކިފަވެސް ހޮސްޕިޓަލާހަމަޔައްދާނަން