ލ. ފޮނަދޫގައި 2017 ވަނަ އަހަރުގެ މާޗު މަހު ކަރުބުރިކޮށްލައިގެން ހަސަން އުއްލާ ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު މަރާލި މައްސަލައިގެ ޝަރީއަތް މިއަދު ކުރިއަށް ގެންދަން ތާވަލް ކުރި ނަމަވެސް، ދިފާއީ ވަކީލުން ބިޒީވުމުން މިއަދުވެސް ޝަރީއަތް ކުރިއަށް ނުގެންދެވިގެން ނިންމާލަން ޖެހިއްޖެއެވެ.

ކަރަށް ވަޅިން ހަމަލާދީ އެ ބިދޭސީ މީހާ މަރާލި ކަމުގެ ތުހުމަތުގައި އަބޫ ކަލަމް ނަމަކަށް ކިޔާ ބިދޭސީއަކާއި، އޭނާއާއި އެކު އެކަމުގައި ބައިވެރިވި އިތުރު 7 މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އެމީހުން ބަންދުގައި ތިބޭތާ 1600 އެއްހާ ދުވަސްވެފައިވާއިރު އެ މައްސަލާގައި އަދިވެސް ގޮތެއް ނިންމިފައި ނުވެއެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މައްސަލަ ދިގުލައިގެން ގޮސްފައި ވަނީ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ބަދަލުވުމުންނާއި، ހެކިވެރިން ލ. އަތޮޅުގައި ތިބުމުން ހެކި ބަސް ނެނގުމުުގައި އިދާރީ ދަތިތަކެއް ދިމާވުމުން ކަމަށްވެއެވެ.

މިއަދުގެ އަޑުއެހުމައި މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ވަނީ އެ މައްސަލަ އަވަހަށް ނިންމަން ޝަރީއަތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނެ ތާރީހުތައްވެސް ކަނޑައަޅާފައެވެ.

އެގޮތުން ހެކިންގެ ހެކިބަސް ނެނގުމުގެ ކަންކަން 8 ސެޕްޓެމްބަރަށް ތާވަލްކޮށްފައިވާއިރު، ހެކިތަކަށް ރިޔާއަތްކޮށް ވާހަކަދެއްކުމަށް އެމަހުގެ 21 ވަނަ ދުވަހަށް ވަނީ އިތުރު އަޑުއެހުމެއް ތާވަލްކޮށްފައެވެ.

މިއަދު ކުރިއަށް ގެންދަން ތާވަލްކޮށްފައިވާ ބަންދު މުރާޖާ ކުރުމުގެ އަޑުއެހުންވެސް ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހަށް ލަސްކޮށްފައެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުން ފަސްކުރީ ދިފާއުން އެކަމަށް އެދިލެއްވުމުންނެވެ. ބޮޑު މައްސަލައެއް އެ ވަގުތަށް ކޯޓުގައި ތާވަލްކޮށްފައިވާ ވާކަން ފާހަގަކުރައްވާ، ދިފާއީ ވަކީލް އަހްމަދު ޔާމީން ވަނީ ހައްޔަރުގައި ތިބި ބިދޭސީންގެ ބަންދު މުރާޖާކުރުމުގެ މަޖިލީސް ފަސްކޮށްދިނުމަށް އެދިފައެވެ.

އެ މައްސަލައިގެ ދައުވާ ރައްދުވާ އެހެން ވަކީލުންނާއި، ދައުލަތުގެ ވަކީލުންގެ އިތުރުން އެ މައްސަލައިގެ ތުހުމަތުގައި ބަންދުގައި ތިބި މީހުންގެ އިޒުނައާއި އެކު ގާޒީ ވަނީ އެހެން ދުވަހަކަށް އެ ޝަރީއަތުގެ މަޖިލީސް ފަސްކޮށްފައެވެ.

އެ މައްސަލައިގައި ދަޢުލަތުގެ ފަރާތުން 8 މީހެއްގެ މައްޗަށް ދަޢުވާ ކުރެއެވެ. މީގެ ކުރިން ބޭއްވި އެ މައްސަލައިގެ އަޑު އެހުމެއްގައި ދަޢުލަތުގެ ވަކީލުން ބުނެފައިވަނީ ހަސަން އުއްލާއަށް އިސްވެ ހަމަލާދިނީ އަބޫ ކަލަމް ކަމަށާއި، އޭނާ އިތުރު ބަޔަކު ގޮވައިގެން ގޮސް ހަސަން އުއްލާގެ ކަރު ބުރި ކޮށްލާފައިވަނީ އެރަށު އަތިރިމަތީގައި ކަމަށެވެ.

ކަލަމްގެ މައްޗަށް ދަޢުލަތުގެ ފަރާތުން ކުރަނީ ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއެވެ.