އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ޑީޑީ އަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 36 މެމްބަރުންގެ އިއްތިފާގުންނެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި ވަނީ ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް، ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ޣަނީ މުޙައްމަދު އައްޔަން ކުރުމަށް ވެސް ފާސްކޮށްފައެވެ. އެ ދެ ބޭފުޅުން އައްޔަންކުރުމަށް ވެސް 36 މެމްބަރުން ވޯޓު ދެއްވިއެވެ.

އުއްތަަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަންކުރަން ޖެހުނީ ކުރިން އެ މަޤާމުގައި ހުންނެވި އަބްދުﷲ ސަޢީދުގެ މައްޗަށް، ދަށު ކޯޓުތަކުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތާޢީދު ކުރުމުން، އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވާތީއެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އައްޔަން ކުރިއިރު، އެމަނިކުފާނަކީ ރާއްޖޭގައި މިވަގުތު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ހަމައެކަނި ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.

ފަނޑިޔާރު ޑރ. އަބްދުﷲ ދީދީއަކީ 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު، އެ ކޯޓުގެ ބެންޗަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިފަހުން އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަން ކުރެވޭ ތިންވަނަ ބޭފުޅާއެވެ.

ޑރ.އަބްދުﷲ ދީދީ 2008 ވަނަ އަހަރު ޕީއެޗްޑީ ހާސިލް ކުރެއްވީ ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ރޮނގުން ފަރސްޓް ކްލާސް އޮނަރގެ ދަރަޖައިގައެވެ. ޑރ.އަބްދުﷲ ދީދީ ވަނީ 2000 ވަނަ އަހަރު ކޮންސްޓިޓިއުޝަނަލް ލޯ ގެ ރޮނގުން އެކްސެލެންޓް ދަރަޖައިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ. އަދި ޕަބްލިކް ލޯ ގެ ރޮނގުން ޕޯސްޓް ގްރެޖުއޭޓް ސްޓަޑީސް 1995 ވަނަ އަހަރު ހާސިލް ކުރައްވާފައި ވާއިރު ފުރަތަމަ ޝަރީޢަތާއި ޤާނޫނީ ޢިލްމުގެ ރޮނގުން ބެޗްލަރ އޮފް ލޯސް ހާސިލް ކުރެއްވީ 1993 ވަނަ އަހަރު އެވެ.

1996 ވަނަ އަހަރު ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަ ލިބި ދިވެހިރާއްޖެ އާއި މިސްރުގައި ލީގަލް ކޮންސަލްޓެންޓެންޓެއްގެ ގޮތުގައި ފޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ މަސައްކަތްކުރައްވާފައެވެ.

ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ގެ މަޤާމު 2010 ވަނަ އަހަރު ފުރުއްވާފައެވެ. އަދި 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ ނައިބުގެ މަޤާމު ފުރުއްވާފައިވެއެވެ.

ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އެކަޑަމިކް އަދި ޢިލްމީ މަސައްކަތްޕުޅުތަކުގެ ތެރޭގައި ލެކްޗަރަރއެއްގެ ގޮތުން ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯ،ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް ގައި ޕަބްލިކް އިންޓަނޭޝަނަލް ލޯ، ކޮންސްޓިޓިއުޝަނަލް ލޯ، އެޑްމިނިސްޓްރޭޓިވް ލޯ، އިސްލާމިކް ކޮންސްޓިޓިއުޝަނަލް ލޯ އަދި އިސްލާމިކް ކްރިމިނަލް ލޯ ކިޔަވައިދެއްވުން ހިމެނެއެވެ. އަދި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ އިޖިޕްޝަން ސޮސައިޓީ އޮފް އިންޓަރނޭޝަނަލް ލޯ އާއި ދިވެހިރާއްޖޭގެ އިސްލާމިކް ފިޤްހު އެކަޑަމީގެ މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަމީރު 49

    ގާބިލް މޮޅު ފަންޑިރެއް މަރުޙަބާ

  2. ސަމީރު 49

    ގާބިލް މޮޅު ފަންޑިރެއް މަރުޙަބާ ...

  3. މައުމޫނިއްޔަތު

    ތައުލީމީބޭފުޅުން މިހާރު ރާއްޖޭގައި އެބަތިބި، މިކަހަލަ އެތައް ޕީއެޗްޑީން ނެއް އުފެއްދޭނެހާ ތަނަވަސްކަން މިރާއްޖޭގައިއެބަހުރި، 40 އަހަރުވަންދެން އެބޭނުން ނުކުރީ ގަސްތުގައި.

  4. އޮޅާލާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަބަތާ ހަރާމީ ދަހަރާމްކޯރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ސީލަބަލަ ދެން ސީލާ ސީލާ ސީލާ ދެން މަމެން ބޭނުން ގޮތެއް ހަދާލާނީ މީމަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމުދޯ. އެއް ކެންޑިޑޭޓް ތަމެން ދެން އޮލާލަބަލަ އޮލާލާ އޮޅާލާ އޮލާލާ..