ހއ. އަތޮޅުގެ އޭ ޒޯން ލައިސަންސްގެ އެކްސްޕްރެސް ހިދުމަތް ފުރަތަމަ ހޯދި މީހަކަށް ފުވައްމުލަކު ޒުވާނަކު ވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް، މޫސާ ޝަފީގް ވިދާޅުވީ، އެކްޕްރެސް ހިދުމަތަކީ ކުރީގެ ކައުންސިލުން ފާސްކޮށްފައި އޮތް ކަމެއް ކަމަށާއި އެކަން އެގޮތަށް ކޮށްފައިވަނީ ހިދުމަތް ހޯދަން އަންނަ ފަރާތްތައް ގިނަ ކަމުން ކަމަށެވެ.

ޝަފީގް ވިދާޅުވީ، އެކްސްޕްރެސް ހިދުމަތް އެންމެ ފުރަތަމަ ހޯދާފައިވަނީ ރާއްޖޭގެ ދެކުނުގެ ރަށެއް ކަމަށްވާ ޏ. ފުވައްމުލަކު އަހިގަސްދޮށުގެ، އަހުމަދު އަލީ ކަމަށާއި ރާއްޖޭގެ އެންމެ ދެކުނުގެ ޒުވާނަކު އުތުރުގެ ރަށަކަށް އައިސް އެކްސްޕްރެސްގެ ހިދުމަތް ހޯއްދެވީތީ ވަރަށް އުފާ ކުރައްވާ ކަމަށެވެ.

ހއ. އަތޮޅު ކައުންސިލުން އަބަދު ވެސް އަންނަނީ ލައިސަންސްގެ ހިދުމަތް ދެމުންނެވެ. އެހެން ނަމަވެސް އެކްސްޕްރެސްގެ ހިދުމަތް ތާރަފްކޮށްފައިވާކަން ގިނަ ބަޔަކަށް ނޭނގުމުން އެ ހިދުމަތް ނުހޯދާ ކަމަށް ޝަފީގް ވަނީ ފާހަގަ ކުރައްވާފައެވެ.

"ބޮޑަށް ބެލެވެނީ އެހިދުމަތް ދެމުން އަންނަކަން ރައްޔިތުންނަށް ނޭނގެނީހެން. ކައުންޓަރަށް ގޮސް އެގޮތަށް މައުލޫމާތު އޮޅުން ފިލުވާލުމުން އެނގޭނެ އެކްސްޕްރެސް ބޭނުމިއްޔާ ކުރަން ޖެހޭކަން. އެކްސްޕްރެސް ހިދުމަތުން ކާޑު ވަގުތުން އަތަށް ލިބޭނެ" ޝަފީގް ވިދާޅުވިއެވެ.

ޝަފީގް ވިދާޅުވީ، އެފަދަ ހިދުމަތް ދެވޭތީ އުފާ ކުރާ ކަމަށާއި އެއީ ރައްޔިތުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އާއްމު ގޮތެއްގައި ލައިސަންސް ނަގަން ދުރުވާ ފަރާތްތަކުން ޓެސްޓުން ފާސްވެ ކާޑު ލިބުމަށް 4-5 ވަރަކަށް ދުވަސް ނަގައެވެ.

އިތުރަށް ޝަފީގް ވިދާޅުވީ، ކުރިއާއި ހިލާފަށް މިހާރު އޮންލައިންކޮށް ވެސް ހިދުމަތް ދެމުން އަންނާތީ ލައިސަންސް ކާޑުގެ މުއްދަތު ހަމަވުމުން އޮންލައިންކޮށް ރިކުއެސްޓް ކޮށްލުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.