ހދ. ނޮޅިވަރަމްގައި އެމްބިއުލާންސްއެއް ނެތި އެތައް މަސް ދުވަސްވެ ރަށު ޕިކަޕްގައި ބަލި މީހުން އުފުލަން ޖެހޭތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ 36 މެންބަރުންގެ ވޯޓުންނެވެ. ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ދާއިރާގެ މެންބަރު މޮސްޓާ ވިދާޅުވީ އާބާދީގައި ދެހާހެއްހާ މީހުން ހަމަވާއިރު ރަށުގައި 200 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 ގެ ބައްޔަށް ފައްސިވެފައިވާ ކަމަށެވެ.

ރަށް ބަލިމަޑުކަމުގެ ހާލަތުގައި އޮތް އިރު ރަށުގައި ބަލި މީހުން އުފުލަން ބޭނުން ކުރާނެ އެމްބިއުލާންސްއެއް ނެތިގެން ޕިކަޕްގައި ބަލި މީހުން އުފުލަން ޖެހިފައިވާ ކަމަށް މެންބަރު މޮސްޓާ ވިދާޅުވިއެވެ.

އޭނާގެ ސަމާލުކަމަށް އެކަން އައީ މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން ކަމަށާއި އެ މައުލޫމާތު ލިބުމާއެކު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެންނެވި ކަމަށް މޮސްޓާ ވިދާޅުވިއެވެ. އެހެންވިޔަސް އަދިވެސް އެމްބިއުލާންސް ފޮނުވާފައި ނުވާކަމަށް މޮސްޓާ ވިދާޅުވިއެވެ.

މުޅި ހދ. އަތޮޅުގައި އޮތް ސިއްޚީ ނިޒާމުގެ ހާލަތާއި މެދު ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މި ގޮތުން ވެރިރަށް، ހދ. ކުޅުދުއްފުށި ސިޓީގައި ވެސް އޮތީ އެންމެ ދެ އެމްބިއުލާންސް ކަމާއި، ކައިރި ރަށްރަށަށް އެމަޖެންސީގައި ވެސް އެމްބިއުލާންސް ފޮނުވޭ ވަރަށް އެ ސިޓީގައި އެމްބިއުލާންސް ނެތް ކަމަށް ވިދާޅުވިއެވެ.

"ހަމައެކަނި ވޯޓާ ދިމާކޮށް ބޮޑުތިލަދުންމަތި މި ފެންނަނީ، އެ ގޮތަކަށް ނޫން އެކަން އޮންނަން ވާނީ، ނޮޅިވަރަމްއަކީ ދެހާހަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ރަށެއް، އެ ރަށުގައި މިފަދަ ހާލަތެއްގައި ބަލި މީހުން އުފުލަން ޖެހުމަކީ ލަދުވެތި ކަމެއް،" މޮސްޓާ ވިދާޅުވިއެވެ.

ނޮޅިވަރަމްގައި ކުރިން އޮތް އެމްބިއުލާންސް ގެންދިޔައީ އެކި ފަހަރު މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެހީގައި މަރާމާތު ކުރަމުންނެވެ. އެހެންވިޔަސް މިހާރު ބޭނުން ނުކުރެވޭ ވަރަށް އެމްބިއުލާންސް އެއްކޮށް ހަލާކު ވެފައިވާ ކަމަށް ނޮޅިވަރަމް ކައުންސިލުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    ބަލަ ދީނާ ، މިނިވަންކަމާ ، ރައްޔަތުންނަށް ގެ ހައްޤުގައި އުފައްދާ ޕާޓީން ކީއްވެބާ ތިކަމަށް އެހީނުވެ ތި ތިބެނީ؟ ނިއުސް ކޮންފަރެސް ތަކަށް އަރާ ފޮނި ކެޑިޔަކަށް އެއިން ރައްޔިތަކަށް ވާ ފައިދާ އެއް ހަމަ ހަރާމް، އެކަމް ތިޔަ މެމްބަރުންގެ ޖީބްތަށް ބަރުވާނެ. ބަލަނީ އަދިވެސް ރައްޔަތުންގެ ބޯ ކާލެވޭތޯ.

  2. ކުޑަސޮރު

    މެމްބަރުގެ ވާހަކަ ވަރަށް ސާދާ. އިއްޔެ ފޭސްބުކްގަ މެމްބަރު ޓެގް ކޮށްފަ ހުރިތަން ފެނުނީމަ ތިހުރިހާ ވާހަކައެއް ތި ދައްކަންފެށީ. މީގެ ކުރިން ތިކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ ހުރެފަ މިއަދު ތިމަންނަ މީގެ ހަމަސް ކުރިން ކަމާބެހޭ ފަރާތްތަކަށް ދަންނަވާފަ ވާނޭ ބުންޏަސް ޤަބޫލެއް ނުކުރެވޭނެ.

  3. އުންސުރު

    ފިސްތޯލަ ކާރީ ބުނޭ އަދީބު އަތުން ނެގިލާރިން އެންބިއުލެންސެއް ގަނެދޭށޭ. ތިޔަހަރީ ރައްތިންނާއި ދީނުގެ ހައްގުގައި ބަޑިޕާޓީއަށް ވަދެ ހުރިހާ އުންސުރެއް ހަމަކޮށްގެނެއްނުން